ސްޕޯޓްސް އެރީނާ މަޝްރޫއިގެ ދަށުން 50 ރަށެއްގައި ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑުތައް ރަސްމީކޮށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ރައީސް އެ ފުޓްސަލް ދަނޑުތައް ހުޅުވާދެއްވިއިރު، އަރިހުމުގައި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރޭ ހުޅުވާފައިވާ ފުޓްސަލް ދަނޑުތަކުގެ ތެރޭގައި ހއ. އަތޮޅު ފަސް ދަނޑު، ހދ. އަތޮޅުގެ ފަސް ދަނޑު، ށ. އަތޮޅުގެ ހަތަރު ދަނޑު، ނ. އަތޮޅުގެ ހަ ދަނޑު، ރ. އަތޮޅު ދެ ދަނޑު، ޅ. އަތޮޅުގެ ދެ ދަނޑު، ކ. އަތޮޅުގެ ދެ ދަނޑު، މ. އަތޮޅުގެ ދެ ދަނޑު، ފ. އަތޮޅުގެ ދެ ދަނޑު، ލ. އަތޮޅު ތިން ދަނޑު، ގއ. އަތޮޅުގެ ދެ ދަނޑު، ގދ. އަތޮޅުގެ ހަ ދަނޑު، މާލެއާއި ހުޅުމާލޭގެ ފަސް ދަނޑުގެ އިތުރުން ބ. އަތޮޅުގެ ދަނޑަކާއި، އދ. އަތޮޅުގެ ދަނޑަކާއި ލަންކާގައި ގާއިމް ކުރި ދަނޑެއް ހިމެނެއެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ، މިހާރު ރާއްޖޭގެ 86 ފުޓްސަލް ދަނޑު އަޅާ ނިންމާފައިވާއިރު، 94 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެެވެ.

މުޅި ރާއްޖޭގައި ކުޅިވަރުގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން 434 މިލިއަން ރުފިޔާ މިހާރު ވަނީ ޚަރަދުކޮށްފައެވެ. މިއަހަރު ނިމިގެންދާއިރު، ކުޅިވަރުގެ މަޝްރޫއުތަކަށް 1 ބިލިއަން ރުފިޔާ ހަރަދު ކުރެވިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެއްވަނީ ޒުވާނުންގެ ދާއިރާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަން

    އަޅެ ތ.އަތޮޅުގަ އެއްވެސް ދަބޑެއްނެތް

  2. ތިމާވެށި

    އދ.ދިގުރަށު ފުޓުސެލް ދަނޑޭކިޔާފަ ކޮތަރު ކޮއްޓެއް ވަރު ތަނެއްގަ ދާޖަހާފަ އެތެރޭގަ ޖޯލި އެލުވޭވަރުގެ ބޮޑުގަސްހެދިގަ...ލަދުން ބޯހަލާކު...ރަށުގަ ބިންނެތީ ތޯއްޗެ...

    • މާމިގިލީ މީހާ

      ހަޖަމު ކުރާން ދަސްކޮއްބަލަ.. ހަޖަމު ނުވެގެން ތިޔަ އުޅެނީ...

  3. ޒުވާނާ

    އަނގޮޅިތީމު ގައި ފުޓްސަލް ދަނޑެއް ނެތް

  4. މާމެންދޫ

    ގއ.މާމެންދޫގަ އެޅި ދަނޑު 2025 އަށްވެސް ނިންމާނުލުވޭނެ .. އަމިއްލަ އެދުމާއިގެން ހުސްވެފަ.... ޥަރަށް ވާހަކަ.....