ބްރެޒިލްގެ ތަރި ރިޗާލިސަންއަށް ލިބުނު އަނިޔާ ސީރިއަސް ނޫންކަމަށާއި, ވޯލްޑް ކަޕަށް ފިޓްވާނެކަމަށް އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޓޮޓެންހަމަށް މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޗާލިސަން އަށް އަނިޔާވީ އާދިއްތަ ދުވަހު އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާގެ ކުޑަކަޅުވަޔަށް ތަދެއް އަރައިގެން އެ މެޗުގެ 52 ވަނަ މިނެޓުގައި ވަނީ ދަނޑުން ބާލާފައެވެ.

އެރޭގެ މެޗަށް ފަހު ރިޗާލިސަން ބުނީ ކީކޭ؟

"ވަރަށް ދެރަވޭ ވޯލްޑް ކަޕް މިހާ ކައިރިވެފައި އޮއްވާ އަނިޔާއެއްވީމަ. އަހަރެން އެވަޓަންގައި ހުއްޓާ ވެސް ކުޑަކަޅުވަޔަށް މި މައްސަލަ ދިމާވި. އެކަމުން އަރައިގަންނަން ދެމަހެއްހާ ދުވަސް ވި. އަހަރެން އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް ރަނގަޅުވާނެ ކަމަށް،" ރިޗާލިސަން ބުންޏެވެ.

އުމުރުން 25 އަހަރުގެ މޮޅު ފޯވާޑް ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ވޯލްޑް ކަޕްގެ ތަށި ކާމިޔާބު ކުރުމެވެ. ރިޗާލިސަންގެ ސްކޭންތަކަށްފަހު ކޮންޓޭ ބުނީ ސީރިއަސް ނޫންކަމަށާއި, ވޯލްޑްކަޕަށް ފިޓްވާނެކަމަށެވެ.

"ރިޗާލިސަންގެ ސްކޭންތަކަށް ބަލާފައި އަހަރެން ގަބޫލުކުރާގޮތުގައި ވޯލްޑް ކަޕްގެ އިތުރުން އޭނާއަށް ޓޮޓެންހަމްއަށް ކުޅެވޭނެ. އަދި އަހަރެންގެ އުންމީދަކީ ވެސް އެއީ. އޭނާ މި ސީޒަނުގައި ހުރީ ރަނގަޅު ފޯމެއްގައި" ކޮންޓޭ ބުންޏެވެ.

ރިޗާލިސަން ބުނީ އަނިޔާގެ ސަބަބުން ވޯލްޑްކަޕަށް ބިރު އޮތްކަމަށާއި, އެކަމަކު ދެހަފްތާ ފަހުން އެނބުރި އާދެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.

ރިޗާލިސަން ވަނީ މިއަހަރު ބްރެޒިލްގެ ޓީމަށް ހަތް ގޯލު ކާމިޔާބުކޮށްދީފައެވެ. ޕްރިމިއާ ލީގުގެ ކެރިއަރުގައި އޭނާ ވަނީ ޖުމުލަ 179 މެޗު ކުޅެ، 48 ގޯލާއި 18 އެސިސްޓު ހަދާފައެވެ. އޭނާއަކީ ފޯވާޑެއް ނަމަވެސް އިދިކޮޅު ކުޅުންތެރިން އަތުން ބޯޅަ ހޯދުމުގައި ތަފާތު އުކުޅުތައް ބޭނުންކުރާ ކުޅުންތެރިއެކެވެ. މީގެ ކުރިން އެވަޓަން އަށް ކުޅުން ރިޗާލިސަން ޓޮޓެންހަމަށް ސޮއި ކުރީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުގައެވެ.