ކުރީގެ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ވިސްނުން ހުރީ ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާން ކަމަށް ކުރީގެ ފްރާންސްގެ ގައުމީ ޓީމުގެ ފޯވާޑް ތިއެރީ ހެންރީ ބުނެފިއެވެ.

ފްރާންސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޒިދާން ރެއާލުގެ ކޯޗު ކަމުން ވަކިވީ އެޓީމުގެ ބޯޑު މެންބަރުންނާ އޭނާއާ މެދު އޮތް ގުޅުން ކުޑަވުމުން، 2021 ވަނަ އަހަރުގެ މެއި މަހުގައެވެ. މިއީ އެ ޓީމުން އޭނާ އިސްތިއުފާ ދިން ދެވަނަ ބުރު ކަމަށްވާ އިރު، އޭނާ ވަނީ އެންމެ ފުރަތަމަ ސީނިއާ ޓީމާ ހަވާލުވެ ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ރެއާލަށް ނަގައިދީފައެވެ. އެކަމަކު މިދިޔަ އަހަރު ދެ ވަނަ ފަހަރަށް އިސްތިއުފާ ދިން ފަހުން ހުރީ ޓީމަކާ ހަވާލުނުވެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓަކު ބުނީ ގިނަ ކުލަބުތަކާ ޒިދާންއާ މެދު ގުޅުން އޮތް ކަމުގައި ވީ ނަމަވެސް އޭނާއަށް ވިސްނޭ ގޮތުގައި ޒިދާން މިފަހުން އެއްވެސް ޓީމަކާ ހަވާލުވެފައި ނުވާތީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެންރީ ބުނެފައިވާ ކަމަށެވެ.

"ޒިދާން އާ ގިނަ ކުލަބުތަކުން އޮންނަ ގުޅުން ކިތަންމެހާ ވެސް ބޮޑު. އެހެންނަމަވެސް އޭނާ މި ފަހުން އެއް ވެސް ޓީމަކާ ހަވާލު ނުވެ ހުރީ. މިހާރު ޒިދާންގެ ވިސްނުން ހުރީ ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާން،" ބެލްޖިއަމް ޓީމުގެ އެސިސްޓެންޓު ކޯޗު ހެންރީ ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހު ފްރާންސްގައި ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ ވަރަށް އަވަހަށް އޭނާ އެނބުރި ޓީމަކާ ހަވާލުވާނެ ކަމަށެވެ.

"ވަރަށް އަވަހަށް އަހަރެން ކޯޗިންގެ ތެރެއަށް އަންނާނަން. އިންތިޒާރުކޮށްލައިގެން ތިބޭތި. އަހަރެން މިހުރީ ދުރަކު ނޫން،" ޒިދާން ބުންޏެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ޒިދާން ހަވާލުވުމުގެ ފުރުސަތު އެންމެ ބޮޑީ ފްރާންސް ގައުމީ ޓީމާއެވެ. އޭނާ އެޓީމާ ހަވާލުވެ އަންނަ ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕް ތަށި ކާމިޔާބުކޮށްފިނަމަ، ދުނިޔޭގެ ތާރީހުގައި ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ހުރެ ގައުމީ ޓީމަށް މި ތަށި އެންމެ ފުރަތަމަ ކާމިޔާބު ކޮށްދިން ކަމުގެ ޝަރަފު ލިބިގެންދާނެއެވެ.

އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ކޯޗުކަމުން ޑިޑިއޭ ޑިޝޯމްޕްސް ވަކިވާނެކަމަށް ބޭރުގެ އިތުބާރު ހިފޭ ރިޕޯޓަތްކުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން އަންނަ ޖެނުއަރީ މަހު ޒިދާން ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާނެ ކަމަށް އެ ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮންރީ

    އިނގިރޭސިން ހެންރީ ލިޔާގަޮތަށް ލިޔެފަ އޮތަސް، ކިޔަނީ އޮންރީ. އެއީ ފްރެންޗް ޕްރޮނައުންސިއޭޝަން. އެވަރު ނޫސްވެރިންނަށް ނޭނގުމަކީ މައްސަލައެއް.

    • ޚަލީލު

      މި ނޫހުގައި އުޅޭ މީހުންނަކީ އެއްޗެއް އެނގިގެން ނޫސްވެރިކަން ކުރާ ބައެއް ނޫން. އަމިއްލަ މާދަރީބަސް ވެސް ރަނގަޅަށް ނޭނގޭ ބައެއް މި ނޫހުގައި އުޅެނީ. އޭގެ އިތުރަށް ދިވެހިބަހުން ރަނގަޅަށް ލިޔަންކިޔަން ވެސް ނޭނގޭ ބައެއް މިއީ.