އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ޓޮޕް ލެވެލްގެ ބައެއް ކުޅުންތެރިން ކުޅުނު އެމްވީ ޔުނައިޓެޑުން ހޯދައިފިއެވެ.

ޗެމްޕިއަންކަން ހޯދި އެމްވީ ޔުނައިޓެޑަށް ގައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ މުޙައްމަދު އުމެއިރުގެ އިތުރުން ގައުމީ ޓީމުގެ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ގްރީން ސްޓްރީޓްސްގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓް) އަދި އެންމެ އުންމީދީ ކުޅުންތެރިޔާ ހައިޝަމް ހަސަން ކުޅުނެވެ.

ފަސް ޓީމް ވާދަކުރި މުބާރާތުގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑުން ހޯދީ ފައިނަލްގައި ހުސް ސޮންގ ފުޓްބޯޅަ ޓީމް ބަލިކޮށްގެންނެވެ.

އޭދަފުށި ދަނޑުގައި ކުޅުނު މެޗު ނިމުނީ 4-1 ގެ ނަތީޖާއިން ހުސް ސޮންގ ފުޓްބޯޅަ ޓީމް ބަލިކޮށް އެމްވީ ޔުނައިޓެޑް މެޗު ކާމިޔާބުކޮށްގެންނެވެ. ދެވަނަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މެޗަކުން ބަލިނުވެ ލީގު ބުރުގެ އެއްވަނަ ހޯދައިގެން ފައިނަލުން ޖާގަ ހޯދި ހުސް ސޮންގ ފުޓްބޯޅަ ޓީމުންނެވެ. މިއީ މުހައްމަދު އަޖުފާން ޖަހައިދިން ގޯލެކެވެ. ނަމަވެސް ހުސް ސޮން ޓީމަށް ލީޑު ހިފަހައްޓައި ނުލެވިގެން އުޅެނިކޮށް ޗޯޓު ޖެހި ގޯލަކުން ނަތީޖާ ހަމަހަމަވެގެން ދިޔައެވެ.

އެމްވީ ޔުނައިޓެޑަށް ވަނީ ރާއްޖޭގައި މިހާރު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަަމަށްވާ ހަމްޒާއެވެ. ހައިޝަމް ފައިނަލް މެޗުގައި ދެ ލަނޑު ޖެހިއެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑްގެ މަޤާމާއި, ޓޮޕް ސްކޯރަރގެ މަގާމްވެސް ހޯދީ ޤައުމީ ޓީމްގެ ޑިފެންޑަރ ހައިޝަމްއެވެ. އޭނާ ވަނީ މުބާރާތުގައި 13 ގޯލް ޖަހާފައެވެ.

މި މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުސް ސޮންގ އެފްޓީގެ އަހުމަދު ފާތިންއެވެ. އެންމެ މޮޅު ކީޕަރަކީ އެޓީމްގެ އަހުމަދު ޝާހިދުއެވެ. އެންމެ މޮޅު ޑިފެންޑަރަކީ ހުސްސޮންގެ ޝަމްވީލް މުޙައްމަދު (ބޮންޑާ) އެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ސެމީފައިނަލްގައި ބަލިވި ވެލާ ސްޕޯރޓްސްގެ ޝާހީ މޫސާއެވެ. ފެއަރޕްލޭ ޓީމަކީ ރަނަރަޕް ހުސް ސޮންގ އެފްޓީއެވެ.

މިއީ އޭދަފުށި ކައުންސިލުން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މުބާރާތް ރާވާ ހިންގީ ކްލަބް އޭދަފުށިންނެވެ.