އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމް އާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓާ ސިޓީގެ ތަރި އާލިން ބްރައުޓް ހާލަންޑް ފެނިދާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ދީފިއެވެ.

ހާލަންޑަށް އަނިޔާވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ސިޓީ އާއި ބްރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުގައެވެ. ދެ ޓީމުން ކުރެ، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ ދެވަނަ ހާފްގައި ހާލަންޑް ކުޅެން ނާރުވައެވެ. އޭނާ އެ މެޗުގައި ބަދަލުކޮށްފައި ވަނީ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މި ސީޒަންގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި ހާލަންޑް ވަނީ 22 ގޯލް ޖަހައިފައެވެ. އޭނާއަކީ ޕްރިމިއާ ލީގުގައި ރަން ބޫޓަށް ވެސް ވާދަ ކުރާ، ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ކުޅުންތެރިޔާއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސިޓީން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ހާލަންޑް ބައިވެރިވެފައިވެއެވެ.

އަނިޔާގެ ސަބަބުން ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ހާލަންޑަށް ވަނީ ގެއްލިފައެވެ. އެއީ ޗެމްޕިއަންސް ލީގުގައި ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗާއި ޕްރިމިއާ ލީގުގައި ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗެވެ. ހާލަންޑް ނެތި ވެސް ސިޓީން ވަނީ އެ ދެ މެޗު ކާމިޔާބުކޮށްފައެވެ.

އުމުރުން 22 އަހަރުގެ ފޯވަޑާ ބެހޭ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހާލަންޑްގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށާއި އޭނާ ފުލަމްއާ ދެކޮޅަށް ކުޅެން އަރުވާނެތޯ ގޮތެއް ނިންމާނެ ކަމަށެވެ.

"މިއީ ރަނގަޅު ފިޔަވަޅެއް، އޭނާ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި." ގާޑިއޯލާ ބުންޏެވެ.