ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރު ބެން ޗިލްޗެލް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ޗިލްވެލްގެ ފަޔަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެރޭ ޑައިނަމޯ ޒެެގްރެބް އަތުން 2-1 އިން ޗެލްސީ މޮޅުވި މެޗުގައެވެ.

ޗެލްސީގެ ހުނަރުވެރި ޑިފެންޑަރު އިންގްލެންޑްގެ ގައުމީ ޓީމަށް 17 މެޗު ވަނީ ކުޅެދީފައެވެ. އިންގްލެންޑްގެ ކޯޗު ސައުތު ގޭޓްގެ ޓީމުގައި މި ފަހަކަށް އައިސް ޗިލްވެލް އަށް ޖާގަ ވެސް ލިބެއެވެ.

ވޯލްޑް ކަޕްގައި އިންގްލެންޑް މި މަހުގެ 21 ވަނަ ދުވަހު ނުކުންނާނީ އިރާންއާ ދެކޮޅަށެވެ.

ޗެލްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަނިޔާއާ ގުޅިގެން ހެދި ސްކޭނުން ޗިލްވެލްގެ ފައިގެ ފަލަމަސްގަނޑަށް ބޮޑު އަނިޔާއެއް ވެފައިވާ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ވޯލްޑް ކަޕްގައި ޗިލްވެލް އަށް ނުކުޅެވޭނެ ކަމަށް ވެސް ޗެލްސީގެ ބަޔާނުގައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވެސް ޗިލްވެލްގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން މެއި މަހާ ޖެހެންދެން އޭނާ ހުރީ ކުޅުމާ ދުރުގައެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތަށް އިންގްލެންޑް އިން ނެގި ސްކޮޑްގައި ވެސް ޗިލްވެލް ހިމެނުނެވެ. އެކަމަކު، އެ މުބާރާތުގެ އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެއެވެ.

ޗިލްވެލްގެ އިތުރުން ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ޒުވާން ޑިފެންޑަރު ރީސް ޖޭމްސް ވެސް ހުރީ އަނިޔާގައެވެ. އޭނާ އަށް ވޯލްޑް ކަޕް ކުޅެވިދާނެ ކަމުގެ ސުވާލު ވަނީ އުފެދިފައެވެ.