ސްޕެއިންގައި އުފެދުނު އެންމެ ކާމިޔާބު ޑިފެންޑަރު ޖެރާޑް ޕީކޭ ކުޅުން ހުއްޓާލި މެޗުގައި، ބާސެލޯނާ އިން އަލްމޭރިއާ ބަލިކޮށްފިއެވެ.

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާ އެކު އެޓީމު އޮތީ ކުޅުނު 13 މެޗުން 34 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއް ވަނައިގައެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ.

ރޭގެ މެޗުގައި ބާސާގެ ހުރިހާ ކުޅުންތެރިން ބޭނުން ކުރީ "ޕީކޭ" ނަމަކަށް ޖަހާފައިވާ ހާއްސަ ޖާޒީއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ރޮބާޓް ލެވަންޑޮސްކީ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. ފުރަތަމަ ހާފުގައި ބާސާއިން ރަނގަޅު ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް އަލްމޭރިއާގެ ކީޕަރު ހުޝިޔާރުކަމާއެކު އެހަމަލާތައް ވަނީ ދިފާއު ކޮށްފައެވެ.

މެޗުގައި ބާސާގެ ފުރަތަމަ ގޯލު ޖެހީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮސްމާނޭ ޑެމްބޭލޭއެވެ. މިއީ ސާޖިއޯ ބުސްކެޓް ދިން ޕާހަކުން 48 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ. އޭގެ ފަހުން އަލްމޭރިއާގެ ލާޖީ ރަމަޒާނީ އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ޕީކޭ ވަނީ ހުރަސްއަޅައި އެ ހަމަލާތައް މަތަކޮށްފައެވެ. ބާސާގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 62 ވަނަ މިނެޓުގައި ފްރޭންކީ ޑިޔޯންގެވެ. މި ނަތީޖާއާއެކު ބާސާ މެޗު ނިންމާލީ ކްލީންޝީޓަކާއެކުއެވެ.

ޕީކޭއަކީ ސްޕެއިންގައި އުފެދުނު އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރެއިން އެކަކެވެ. ބާސެލޯނާގެ އެންމެ ވަރުގަދަ ޑިފެންޑަރުގެ ގޮތުގައި ފާހަގަ ކުރެވުނު ކާލޯސް ޕުޔޯލް އާއި ޖަވިއޭ މަޝެރާނޯ ފަދަ ކުޅުންތެރިންނާ އެކުގައި ވެސް ޕީކޭ ވަނީ ކުޅެފައެވެ.

ޕީކޭގެ ފުޓްބޯޅަ ކެރިއަރު ފެށީ ބާސާގެ ޔޫތް ޓީމުން ކަމަށްވާއިރު އޭނާ ވަނީ ބާސާ ދޫކޮށްލުމަށްފަހު މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ޒަރަގޯޒާ އަށް ކުޅެފައިވެއެވެ. ޕީކޭ އެނބުރި ބާސާ އަށް އައިސް އެ ޓީމުގެ ސީނިއާ ޓީމުގައި ކުޅެން ފަށާފައި ވަނީ 2008 ވަނަ އަހަރުން ފެށިގެންނެވެ.

މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގައި ޕީކޭ ވަނީ އެ ޓީމަށް ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިނުމަށް އެހީތެރިވެދީފައެވެ.

ބާސާ އަށް 615 މެޗު ކުޅެދީ 53 ގޯލް ކާމިޔާބުކޮށްދީފައިވާ ޕީކޭ ވަނީ އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލީގު އަށް ފަހަރު، ސްޕެނިޝް ކަޕް ހަތް ފަހަރު ކާމިޔާބު ކުރިއެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ޕީކޭ ކުޅުން ހުއްޓާލަށް ނިންމުމާއެކު، ބާސެލޯނާ އިން އެހެން ޑިފެންޑަރަކު ހޯދާނެ ކަމަށެވެ. އަދި އެކަމަށް އަންނަ ޖެނުއަރީ ޓްރާންސްފާގައި މަސައްކަތް ކުރާނެ ކަމަށް ވެސް ޒަވީ ބުންޏެވެ. އޭނާ ބުނީ ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ އިން އެންމެ އިސްކަމެއް ދޭނީ އެކަމަށް ކަމަށެވެ.