ގަތަރުގައި މިރޭ ފަށާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ އިންގްލެންޑުގެ ޓީމުގެ ކުޅުންތެރިންގެ އަންހެނުންނާއި ލޯބިވެރިން، އައުރަ ނިވާކޮށްގެން ގަތަރަށް އަންނަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް އައިއިރު، އިންގްލެންޑްގެ މިޑްފީލްޑަރު ޖެކް ގްރީލިޝްގެ ލޯބިވެރިޔާ ސަޝާ އެޓްވުޑް އާއި ކީޕަރު ޖޯޑަން ޕިކްފޯޑްގެ އަންހެނުން މެގަން ވެސް މިހާރު ވަނީ ގަތަރަށް ގޮސްފައެވެ. އަދި ޑިފެންޑަރު ކައިލް ވޯކާގެ އަންހެނުން އެނީ އާ އާއި ހެރީ މެގުއާގެ އަންހެނުން ފާން މެގުއާ އާއި ކިއެރެން ޓްރިޕިއާގެ އަންހެނުން ޗާލޮޓް ޓްރިޕިއާ ވެސް ވަނީ މިއަދު ހެނދުނު ގަތަރަށް ގޮސްފައެވެ.

އެމީހުން ގަތަރަށް އެތެރެވީ، އައުރަ ނިވާ ވާ ވައްތަރުގެ ހެދުން އަޅައިގެންނެވެ.

އިންގްލެންޑުގެ ކުޅުންތެރިންގެ ބައިވެރިން މިހާރު ވަނީ ގަތަރުގެ ސަގާފަތަށް އިހުތިރާމު ކުރުމުގެ ގޮތުން ނިވާވާގޮތަށް ހެދުން އެޅުމަށް އެމީހުންގެ ޕާސަނަލް ސްޓައިލިސްޓުންގެ އިރުޝާދަށް އެދިފައެވެ.

އެމީހުން އާންމުކޮށް ލައި އުޅޭ ހަށިގަނޑު ފާޅުވާފަދަ ކަރު ބޮޑެތި ހެދުމާއި ކުރު ސްކާޓްތައް ލުމަކީ ގަތަރުގެ އިސްލާމީ އުސޫލުތަކުގެ ދަށުން މަނާކަމެކެވެ. އެހެންކަމުން އެ ގައުމުގެ އުސޫލުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކުޅުންތެރިންގެ ބައިވެރިން މިފަހަރު ލާނީ އަތާއި ހަށިގަނޑު ނިވާވާފަދަ ދިގު ހެދުމާއި ފައި ނިވާވާފަދަ ހަރުވާޅުތަކެވެ.

މެންޗެސްޓާގެ ޕާސަނަލް ސްޓައިލިސްޓު ކޮނީ ޖޯންސް ވަނީ ތިން ކުޅުންތެރިންގެ ބައިވެރިންނަށް މިފަހަރުގެ މުބާރާތުގެ ހެދުންތައް ތައްޔާރުކޮށްދީފައެވެ. އެގޮތުން މެޗްތައް ބަލަން ދާއިރު އަޅާނެ ހެދުމުގެ އިތުރުން ރެސްޓޯރެންޓްތަކަށާއި އެހެނިހެން ތަންތަނަށް ދާއިރު ލާނެ ހެދުންތައް ވެސް ތައްޔާރުކޮށްދީފައިވެއެވެ.

ހެދުން އިހުތިޔާރުކުރުމުގައި ލޫކް ޝޯ، ޖޯން ސްޓޯންސް އަދި މާކަސް ރަޝްފޯޑްގެ ބައިވެރިން ޖޯންސްގެ އެހީ ހޯދާފައިވާކަމަށް މެއިލް އޮންލައިން އިން ބުނެއެވެ.

އެގޮތުން މިފަހަރު ކަރު ބޮޑެތި ޓޮޕްތަކާއި، ބާރު ސޯޓުތަކާއި، ކުރު ސްކާޓްތައް އެމީހުންގެ ފޮށިތަކުން ވަނީ ބާކީކޮށްފައެވެ.

ނަމަވެސް އެހެން ފަހަރުތަކާއި އެއްގޮތަށް މިފަހަރުވެސް މެޗުތައް ކުރިއަށް ދާއިރު އެމީހުންގެ ބައިވެރިންގެ ނަން ޖަހާފައިވާ އިންގްލެންޑުގެ ޖޯޒީތައް ލާނެއެވެ. ޓީޝާޓާއެކު އެމީހުންގެ ހަށިގަނޑުގެ ވަނާތައް ފޮރުވުމަށް ކަރުގައި ގުޗީ ނުވަތަ ހާމީސްގެ ސްކާފެއް އެއްސުމަށްވެސް ބައިވެރިންނަށް ވަނީ އިރުޝާދުދީފައެވެ.

ޑެއިލީ މެއިލް އޮންލައިނަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ މި އަންހެނުންގެ ހެދުންތައް ތައްޔާރުކުރުމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ރަޝިއާގައި އޮތް އެންމެ ފަހުގެ ވޯލްޑްކަޕާއި މިފަހަރުގެ މުބާރާތް ވަރަށް ތަފާތުކަމަށާއި ކުޅުންތެރިންގެ ބައިވެރިންނަށް ނިވާވާގޮތަށް ވެސް ރީތިކޮށް ފެޝަނަށް ހެދުން އެޅޭނެ ގޮތްތައް ޖޯންސް ހޯދާފައިވާކަމަށް ވަނީ ބުނެފައެވެ. އެމީހުންނަކީ މަޝްހޫރު މީހުން ކަމުން ކެމެރާތަކުގެ އަމާޒުވެސް އެމީހުންނަށް ހުއްޓޭނެތީ، އެމީހުން އަބަދުވެސް ތިބެން ބޭނުންވަނީ އެންމެ ރީތިކޮށްކަމަށްވެސް ވަނީ ބުނެފައެވެ.

އެއްވެސް ގޮތަކަށް ގަތަރުގެ އެއްވެސް މީހަކަށް ބޭއިހުތިރާމް ކުރަން އެ އަންހެނުން ބޭނުންނުވާކަމަށާއި، އެމީހުންނަކީ އަމިއްލަ ނަފްސަށްވެސް ވަރަށް އިހުތިރާމް ކުރާ ބަޔަކަށްވާތީ އެހެން މީހުންނަށްވެސް ހަމަ އެ ގޮތަށް އިހުތިރާމް ކުރަން ބޭނުންވާކަމަށްވެސް މެއިލް އޮންލައިނާއި ވާހަކަދެއްކި ފަރާތުން ބުނެފައިވެއެވެ. އަދި މިފަހަރު ފެންނާނީ އެ ބައިވެރިންގެ އާ ސްޓައިލެއްކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ކުޅުންތެރިންގެ ބައިވެރިން ގަތަރަށް ދަތުރުކުރުމަށާއި ތިބުމަށް ހަމަޖެހިފައިވަނީ އެއް ބިލިއަން ޑޮލަރުގެ އަގު ބޮޑު ކުރޫޒް ޝިޕް އެމްއެސްސީ ވޯލްޑް ޔޫރަޕާގައެވެ.

އިންގްލެންޑު މިފަހަރު އޮތީ އީރާން، އެމެރިކާ އަދި ވޭލްސް އާއިއެކު ގްރޫޕް ބީ ގައެވެ. އިންގްލެންޑުގެ ފުރަތަމަ މެޗުގައި ނުކުންނާނީ އީރާނާއި ދެކޮޅަށެވެ. މި މެޗް ފެށޭނީ ރާއްޖެ ގަޑިން މާދަމާ އިރުއޮއްސި ހައެއް ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    އެއްޖިންސުން ގުޅުން ހިންގުން ޕޮރޮމޯޓްކުރާ ބައެއް ތި އިގިރޭސީންނަކީ. ތިވަރު ބައެއް ކީއްކުރަންތަ އަންހެނުން ގެންނަނީ. ސޯލިބޭ ކައިރީގައި ބުނެލީމާ އެމީހުންނަށްޓަކައި އަމަލްގިރި ފޮނުވާދޭނެ.

    24
    8
  2. Anonymous

    ހަމަ މިގޮތަށް ރާއްޖެއަށް ނާދެވެނީތަ މިމީހުންތަކަށް. އެއާރޕޯޓް އެރައިވަލްގައި ހުންނައިރު ލަދުން ލޯހުޅުވާލަން ނުކެރޭ. އިސްލާމީ ޤައުމެކޯ މީ

    53
    4
    • ވާނުވާ

      އަލަމްގިރީގެ ވާހަކަ އެކަނި ނުދައްކާ. ނާޒިމްވެސް އެހުރީ ދާން ތައްޔާރަށް. ކާނަލް އާ ދޮން ދިގުވެސް އެތިބީ ދައުވަތެއްގެ އިންތިޒާރުގައެއްނު.

  3. Anonymous

    ދުނިޔޭގެ އިސްލާމީ ގައުމުތަކުން ގަތަރް ގެނަމޫނާ މިސާލް އަކަށް ބަލަންޖެހޭ.

    71
    2
  4. ރަން ރީނދޫ

    ފީފާ ގެ ރައީސް މިމީހުންގެ މުނާފިޤުކަން ބޭޒާރު ކޮއްލީމަ މިހާރު ސައިޒް ވީ. އަހަރުން އަބަދުވެސް ދައްކާ ވާހަކަ މިއީ. އެތައް ބަޔަކު ގެ ލޭ އޮހޮރުވަމުން،އެކަމަކު އަހަރުމެންނަށް އަދަބުސަދަބާއި އިންސާފުގެ ފިލާވަޅު ދޭން މި ބާބޭރިއަނުން މީ ކޮންބައެއް. ފުރަތަމަ ،މިޔުޒިއަމް ތަކުގަ ހުރި އެހެން ގައުމުތަކުގެ ތަރިކަ ރައްދުކޮއްބަލަ. އެފްރިކާގެ މީހުންގެ މިނި ކަށިތައް އެ ގައުމުތަކަށް ހަވާލު ކޮއްބަލަ،މިޔުޒިއަމް ތަކުން ނެރޭ. ލަދެއް ޙަޔާތެއް ނެތް.

    14
    1