ގަތަރަކީ ފުޓްބޯޅައިގައި މާ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ގައުމެއް ނޫނެވެ. އޭޝިއާގެ ފުޓްބޯޅައިގައި ވެސް ގަތަރަކީ މާ ބޮޑު ބާރެއް ނޫނެވެ. އެ ގައުމުގައި ފުޓްބޯޅައިގެ ވަސީލަތްތަކެއް ވެސް އޭރު ހުރީކީ ނޫނެވެ.

އެކަމަކު، ގަތަރުން ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރި ފަހުން މިއަދާ ހަމައަށް އައިއިރު، ބޮޑެތި ބަދަލުތަކެއް އެ ގައުމުން ފެންނަން ފަށައިފިއެވެ. ފެންނަނީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ސްޓޭޑިއަމްތަކެވެ. ފުޓްބޯޅައިގެ އެކި ވަސީލަތްތަކާ އެކުގައި ގަތަރު ވެފައި މިވަނީ ފުޓްބޯޅައިގައި ނަން ހިނގާ ގައުމަކަށެވެ.

ގަތަރުން ވޯލްޑް ކަޕަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ބޮޑު މަޝްރޫއު ފުރިހަމަކަމާއެކު ނިންމާލީ 300 ބިލިއަން ޑޮލަރު ހަރަދުކޮށްފައެވެ. ސްޓޭޑިއަމްތައް އެޅުމުގެ އިތުރުން ހޮޓާތައް އެޅުމާއި މީހުން ދިރިއުޅޭނެ ތަންތަން ގާއިމު ކުރުމާއި އެކި ސިޓީތައް ރީތިކުރުން ފަދަ ކަންކަމަށް ގަތަރުން ބޮޑު ހޭދައެއް ކުރިއެވެ.

އަހްމަދު ބިން އަލީ ސްޓޭޑިއަމް

ވޯލްޑް ކަޕާ ދިމާކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ގަތަރުން ހާއްސަ މެސެޖެއް ދީފައިވެއެވެ. އެއީ މަހެއްހާ ދުވަހަށް ދިގު ދެމިގެންދާ ވޯލްޑް ކަޕާ ދިމާކޮށް އިސްލާމް ދީން "ބަދަލު" ނުކުރާނެ ކަމުގެ ޔަގީން ކަމެވެ. އިސްލާމް ދީންގެ ރިވެތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގަތަރުގައި ކޮންމެ މީހަކަށް ވެސް އުޅުމުގެ މިނިވަން ކަން އެ ގައުމުން ވަނީ ދީފައެވެ.

ގަތަރުގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމް ދީނަށް އެ ގައުމުން ދޭ އަހަންމިއްޔަތުކަން ފެނުނެވެ. ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި ވެސް އިވުނީ ކީރިތި ގުރުއާންގެ އަޑެވެ.

ވޯލްޑް ކަޕާ ދިމާކޮށް ގަތަރުން ވަނީ އަށް ސްޓޭޑިއަމެއް ތައްޔާރުކޮށްފައެވެ. މި ހުރިހާ ސްޓޭޑިއަމެއްގައި ވުޟޫ ކުރާނެ ތަނާއި ނަމާދު ކުރުމަށް ޖާގަ ތަނަވަސް ތަންތަން ބިނާކޮށްފައިވެއެވެ.

އިސްލާމީ ދައުވަތު ފޯރުކޮށްދިނުމަށް ސްޓޭޑިއަމްތަކާއި މަގުތަކުގައި ދީނީ ޝިއާރުތައް ހަރުކޮށްފައިވެއެވެ. އެއްވެސް ސްޓޭޑިއަމެއްގައި އާއި ޒޯނެއްގައި ރާ ވިއްކުމާއި ބުއިން މަނާކޮށްފައިވެއެވެ.

އެއް ޖިންސުން ގުޅުން ހިންގުމާއި އެފަދަ އެއްވެސް ޝިއާރެއް އިޝްތިހާރު ކުރުން މަނާކޮށްފައިވެއެވެ.

ލުސައިލް ސްޓޭޑިއަމް

ގަތަރުގައި ވޯލްޑް ކަޕަށް ހާއްސަ ކުރި ސްޓޭޑިއަމްތައް:

  • އަލް ބައިތު ސްޓޭޑިއަމް
  • އަލް ޖަނޫބް ސްޓޭޑިއަމް
  • އަހްމަދު ބިން އަލީ ސްޓޭޑިއަމް
  • އަލް ތުމާމާ ސްޓޭޑިއަމް
  • އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް
  • ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް
  • ލުސައިލް ސްޓޭޑިއަމް
  • ސްޓޭޑިއަމް 974

ވޯލްޑް ކަޕް މިހާތަނަށް ބާއްވާ އެންމެ ހޫނު ގަދަ ގައުމަކީ ގަތަރެވެ. އެހެންވެ ސްޓޭޑިއަމްތައް އިމާރާތްކޮށްފައި ވަނީ މުޅި ސްޓޭޑިއަމްގައި އެއާ ކޮންޑިޝަން ހަރުކޮށްގެންނެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އަލް ބައިތު ސްޓޭޑިއަމްގައި ބޭއްވި އިރު، ފައިނަލް މެޗު އޮންނާނީ ލުސައިލް ސްޓޭޑިއަމްގައެވެ. މިއީ ގަތަރުން މުޅިން އަލަށް ހެދި 80،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. މި ދަނޑުގައި ގްރޫޕް ސްޓޭޖާއި ދެވަނަ ބުރުގެ މެޗުތަކާއި ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗު ވެސް ކުޅޭނެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިބާއީ ފުޓުބޯޅައިގެ ކުރިއަރާފައިވާ ޤައުމެއް ނޫނަސް ތިބާގެ ސަބަބުން މުޅި ދުނިޔެއަށް ރީތި މިސާލެއް ފެނި، ބަޔަކަށް ތެދުމަގު މިންވަރުކުރެއްވުމަކީ ނިކަމެތި އަޅާގެ އެދުމެއް ދުޢާއެއް
    މި ފިތުނަވެރި ޒަމާނުގައި ގަތަރުން ކުރި ކަންތައްތައް އަދި ކުޑަ ކަމުގައި ދެކެން. ސްޓޭޑިއަމް ތެރޭގައިވެސް ނަމާދުކުރެވެން ހުންނަންޖެހޭނެ.

    10
    1