ފުޓްބޯޅައިގައި ދުނިޔޭގެ ސަމާލުކަން ލައިބީރިއާގެ މިހާރުގެ ރައީސް ޖޯޖު ވިއާ ހޯއްދެވިތާ 30 އަހަރު ފަހުން އޭނާގެ ދަރިފުޅު ޓިމޮތީ ވިއާ މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ވޭލްސް ކޮޅަށް ރޭ ލަނޑު ޖަހައި ދުނިޔޭގެ ސަމާލު ކަން ހޯދައިފިއެވެ.

ޖޯޖު ވިއާ އަކީ އެފްރިކާގައި އެފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހުރުވި ކުރީގެ އެއްވަނަ ފޯވާޑެވެ. އޭނާ ވަނީ 1995 ގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރެރިޔާގެ އެވޯޑް، ބެލެންޑިއޯ ހޯއްދަވައިފައެވެ. އޭނާ އަކީ މި އެވޯޑް ހާސިލްކުރި ހަމައެކަނި އެފްރިކާގެ ކުޅުންތެރިޔާ ވެސް މެއެވެ. ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އޭސީ މިލާނަށް ކުޅުއްވި ވިއާ ވަނީ 200 އަށް ވުރެ ގިނަ ލަނޑު ޓޮޕް ލެވަލްގައި ޖައްސަވާފައެވެ.

ޖޯޖް ވިއާއަކީ އެފްރިކާގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ގައުމުގެ ވެރިއަކާ ހަވާލުވި ފުރަތަމަ ބޭފުޅާއެވެ.

އެމެރިކާ ޓީމަށް ޖޯޖު ވިއާގެ ދަރިފުޅު ޓިމޮތީ ވިއާ މި ލަނޑު ކާމިޔާބު ކޮށްދިނީ 34 ވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ޕުލިސިޗް ބޯޅަ ދިން އިރު ވިއާ ވަނީ އޮފްސައިޑުން ނެއްޓި ސްޕީޑް ބޭނުން ކޮށްގެން ބޯޅަ އަށް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފައެވެ.

މި ގޯލަކީ ޓިމޮތީ ވިއޭ ކެރިއަރުގައި ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ހަތަރު ވަނަ ގޯލެވެ. އަދި މި ގޯލަކީ 1958 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގައި ވޭލްސްގެ ކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ. ވޭލްސް ކޮޅަށް އެންމެ ފަހުން ވޯލްޑް ކަޕްގައި ގޯލެއް ޖަހާފައިވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ. ހަމައެހެންމެ، މި ގޯލަކީ އަށް އަހަރުގެ ތެރޭގައި އެމެރިކާއިން ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ލަނޑެވެ.

ޓިމޮތީ ވިއާ އުފަންވީ އެމެރިކާ އަށެވެ. އޭރު ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ހުންނެވި ޖޯޖް ވިއާގެ ޖަމައިކާގެ އަނބިކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ އެމެރިކާގައެވެ. އެ ގައުމުގެ ގައުމީ ޓީމަށް ޓިމޮތީ ވިއާ އަށް ކުޅުމުގެ ފުރުސަތު ލިބުނީ އޭނާ އެމެރިކާ އަށް އުފަންވުމުންނެވެ. ޓިމޮތީ އެމެރިކާގެ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށީ 2018 ގައެވެ. އޭގެ ކުރިން އުމުރުފުރާގެ ގައުމީ ޓީމުގައި ވެސް އެމެރިކާ އަށް ކުޅުނެވެ.

ރޭގެ މެޗުގައި އެމެރިކާ ޓީމުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މެޗު ނިމެން ދިހަ މިނެޓަށް ވެފައި އޮތް އިރުވެސް ޓިމޮތީ ކާމިޔާބު ކޮށްދިން ގޯލާއެކު ލީޑުގައި އޮތީ އެމެރިކާ ޓީމެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި އެމެރިކާގެ ޑިފެންޑަރު ޒިމާމަން ވޭލްސްގެ ގަރެތު ބޭލްއަށް ކުރި ފައުލަކާއި ގުޅިގެން ވޭލްސްއަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެންލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ގަރެތު ބޭލް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެންނެވެ.