ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް އާއި ގާނާ ހިމެނެނީ ގްރޫޕް އެޗްގައެވެ. މި ދެ ޓީމު ބައްދަލު ކުރާނީ މިރޭ ރާއްޖެ ގަޑިން ރޭގަނޑު ނުވައެއް ޖަހާއިރުއެވެ.

ޕޯޗުގަލް މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވީ ގްރޫޕް މަރުހަލާ ކާމިޔާބު ނުކުރެވި ޕްލޭ-އޮފް ކުޅެގެންނެވެ. ޕޯޗުގަލް އަށް މިހާތަނަށް މި މުބާރާތުގެ ތަށި އެންމެ ފަހަރަކު ވެސް ކާމިޔާބެއް ނުކުރެވެއެވެ. ނަމަވެސް މި އަހަރުގެ މުބާރާތަށް އެޓީމު އޮތީ ވަރުގަދަ ސްކޮޑަކާ އެކުއެވެ.

މިއަހަރުގެ މުބާރާތުގައި ޕޯޗުގަލް އިން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވާނެ ކުޅުންތެރިޔަކީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށް ރެކޯޑް ހަދާފައިވާ ރޮނަލްޑޯ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް މީޑިއާ ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. މިހާރު ޕޯޗުގަލް ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޕޯޗުގަލް އަކީ މޮޅު ކުޅުންތެރިންތަކެއް ނެރެފައިވާ ގައުމެކެވެ. ޔުސޭބިއޯ އާއި ލުއިސް ފީގޯ އާއި ރުއި ކޮސްޓާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނެވެ.

އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މި ކުޅުންތެރިންނަށް ވުރެ ރޮނާލްޑޯ އުޅޭނީ މާ ކުރީގައެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ކެރިއަރު ފެށުމަށް ފަހު، މެންޗެސްޓާ ޔުނައިޓަޑާއި ރެއާލް މެޑްރިޑަށް ވެސް ކުޅެފައިވާ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރުއެވެ.

މި ވަގުތު ދަށް ފޯމެއްގައި ހުއްޓަސް، ޕޯޗުގަލްއަށް 191 މެޗުން 117 ލަނޑު ޖަހާ ރެކޯޑް ހަދާފައިވާ، ކެޕްޓަން ރޮނާލްޑޯ ވޯލްޑް ކަޕްގައި ތަފާތު ދެއްކުމަކީ ވަރަށް ވެސް ގާތްކަމެކެވެ. މި ވޯލްޑް ކަޕަކީ މިހާރު އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑްކަޕަށް ވުން ވަރަށް ގާތެވެ.

ޕޯޗުގަލްގެ ލަފާކުރެވޭ ފުރަތަމަ 11:

މި ފަހަރުގެ ވޯލްޑް ކަޕަކީ ގާނާއިން ކުޅޭނެ ހަތަރު ވަނަ މުބާރާތެވެ. މީގެ ކުރިން ތިން މުބާރާތުގައި ވާދަކުރިއިރު، އެންމެ ފުރިހަމަ ކާމިޔާބީއަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. ގާނާ މި ފަހަރުގެ މުބާރާތަށް ކޮލިފައި މިވީ ފާއިތުވި ދެ މުބާރާތަށް ކޮލިފައިވުމަށް ކުރި މަސައްކަތް ވެސް ނާކާމިޔާބު ވުމަށްފަހުގައެވެ.

އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާ: ޑެނިއެލް އަމާޓޭ

ޑެނިއަލް އަމާޓޭ އަކީ މި ވަގުތު ގާނާ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. އުމުރުން 27 އަހަރުގެ ޑިފެންޑަރު ޒުވާން އުމުރުގައި ޑެންމާކްގެ ލީގުގައި ވިދާލުމަށްފަހު 2016 ވަނަ ބަދަލުވީ އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީއަށެވެ. އެ ސީޒަންގައި އެންމެން ހައިރާންކޮށްލުމަށްފަހު ޕްރިމިއާ ލީގު ކާމިޔާބުކުރި ލެސްޓާ ޓީމުގައި އޭނާ ހިމެނެއެވެ. އޭނާއަކީ އެ ރަން ސީޒަނަށްފަހު ލެސްޓާ ދޫކޮށް ނުގޮސް ތިބި ތިން ކުޅުންތެރިންގެ ތެރެއިން އެކަކެވެ. މި ސީޒަންގެ މިހާތަނަށް އަމާޓޭ ވަނީ ލެސްޓާ ސިޓީއަށް 11 މެޗުގައި ކުޅެފައެވެ. 2015 ވަނަ އަހަރުން ފެށިގެން ގާނާގެ ގައުމީ ޓީމުން ޖާގަ ލިބެމުން އަންނަ އަމާޓޭ މިހާތަނަށް ގައުމީ ޓީމަށް 43 މެޗު ކުޅެފައިވާއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި ގާނާގެ ޑިފެންސް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ އޭނާއެވެ.

ގާނާގެ ލަފާކުރެވޭ ފުރަތަމަ 11: