ގަތަރުގައި ކުރިއަށްދާ ވޯލްޑު ކަޕްގައި މިރޭ އެމެރިކާ އާއި އިންގްލެންޑް ބައްދަލުކުރާއިރު، ޓީމުގެ ފޯކަސް މިވަގުތު ހުރީ ހަމައެކަނި ގޭމަށް ކަމަށް އެމެރިކާގެ ކޯޗު ގްރެގް ބާހޯލްޓާ ބުނެފިއެވެ.

ދޯހާގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ބާހޯލްޓާ މިހެން ބުނެފައިވަނީ ވިއްސާރަދުނީގެ ކުލަތައް ހިމެނޭ ބޭންޑު އަޅަން އުޅުނު ގައުމުތަކަށް ފީފާއިން އެކަން މަނާކޮށްފައިވުމުން، ނޫސްވެރިއަކު އެކަމާ ގުޅިގެން ސުވާލުކުރުމުންނެވެ.

ހުރިހާ އެންމެންނަށްވެސް އެމީހެއްގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނެކަން ފާހަގަކުރަމުން ބާހޯލްޓާ ބުނެފައިވަނީ، މިވަގުތު އެމެރިކާގެ އަމާޒު ހުރީ ގޭމަށް ކަމަށެވެ. އަދި އެމީހުން މިވަގުތު ހަމައެކަނި ވިސްނަނީ އިންގްލެންޑާއި ދެން ތިބި ވާދަވެރި ޓީމުތަކުގެ ކައިރިން މޮޅުވާނެ ގޮތަކާއި ދޭތެރޭކަމަށްވެސް ބާހޯލްޓާ ވަނީ ބުނެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބާހޯލްޓާ ވަނީ އިންގްލެންޑުގެ ޓީމަށާއި ކޯޗު ގެރެތް ސައުތްގޭޓަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

"ފާއިތުވި އަހަރުތަކުގައި ސައުތްގޭޓްގެ މަސައްކަތް ވަރަށް ރަނގަޅު. އޭނާވަނީ ޓީމާއެކު ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި. އެންމެ ފަހުގެ ވޯލްޑުކަޕްގައި ހަތަރުވަނަ ހޯދާ ޔޫރޯގެ ރަނަރަޕްކަންވެސް ވަނީ ހޯދާފައި. އެމީހުންނަކީ ވަރަށް ވަރުގަދަ ވާދަވެރިން. އެކަމަކު މިއީ އަހަރެމެންގެ ފެންވަރުވެސް ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް." ބާހޯލްޓާ ބުނެފައިވެއެވެ.

ބާހޯލްޓާ ވަނީ އިންގްލެންޑުގެ ކޯޗު ސައުތްގޭޓާއި ދޭތެރޭ އޮންނަ އެކުވެރިކަމުގެ ވާހަކަވެސް ދައްކާފައެވެ. ސަމާސާ ރާގެއްގައި އޭނާ ބުނެފައިވަނީ އެމީހުން އެކުވެރިކަމުން ބްރޭކެއް ނަގާފައިވާ ކަމަށާއި މިރޭގެ ފަހުން އަނެއްކާވެސް އެކުވެރިކަން ކުރިއަށްދާނެ ކަމަށެވެ.

އެމެރިކާގެ ކެޕްޓަން ޓައިލަރ އެޑަމްސް ބުނެފައިވަނީ އިންގްލެންޑުގެ ޓީމުދެކެ ޖެހިލުންނުވާކަމަށެވެ. އަދި އެމެރިކާގެ ފެންވަރުވެސް ދައްކާލާނެކަމަށާއި ފޭވަރިޓުންނަށް ވުމާއި ނުވުމަކީ އެމީހުންނަށް އެއްވެސް މާނައެއް އޮތް ކަމެއް ނޫންކަމުގައި އެޑަމްސް ވަނީ ބުނެފައެވެ.

"އަހަރެމެން ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ބުރަކޮށް މަސައްކަތްކުރުން. އޭރުން އަހަރެމެންނަށްވެސް އަހަރެމެންގެ ފެންވަރު ދައްކާލެވޭނެ." ލީޑްސް ޔުނައިޓެޑްގެ މިޑްފީލްޑަރ އެޑަމްސް ބުނެފައިވެއެވެ.

އެމެރިކާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ވޭލްސްއާއިއެކު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި އިންގްލެންޑުވަނީ އިރާނާއެކު ކުޅުނު މެޗުން މޮޅުވެފައެވެ. އެމެރިކާއާއި އިންގްލެންޑު ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ މެންދަމު 12 ޖަހާއިރުއެވެ.