އާއްމުކޮށް ފުޓްބޯޅަ ބަލާ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަކީ ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކޮންމެ މެޗެއްގައި ވެސް ވަރަށް ގިނަ ވަގުތު އިތުރު ވަގުތުގެ ގޮތުގައި ދެއެވެ. އާއްމު ގޮތެއްގައި ފުޓްބޯޅަ މެޗެއްގައި އިތުރު ވަގުތުގެ ގޮތުގައި ދެނީ ތިން ހަތަރު މިނެޓް ނަމަވެސް ވޯލްޑްކަޕްގައި އިތުރު ވަގުތުގެ ގޮތުގައި އާއްމުކޮށް 09 މިނެޓް ނުވަތަ 10 މިނެޓް އަދި ބައެއް ފަހަރު އެއަށްވުރެވެސް ގިނައިން ދެއެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރިން ވެސް ބައެއް އޮފިޝަލުން ވަނީ މެޗްތަކުގައި އިތުރު ވަގުތުގެ ގޮތުގައި ގިނަ ވަގުތުތަކެއް ދޭނެކަން ސަޕޯޓަރުންނަށް ފާހަގަ ވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ވަކި ތަފާތު ކަމެއް ނޫން ކަމަށް އޮފިޝަލުން ބުނެއެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގައި ވެސް އިތުރު ވަގުތުގެ ގޮތުގައި ގިނަ ވަގުތުތަކެއް ދިންކަން ސަޕޯޓަރުންނަށް އެނގޭނެއެވެ. ނަމަވެސް ފަހަރުގައި މިހާރު އެހަނދާން ނުހުރެދާނެއެވެ.

އޮފިޝަލުން ބުނާ ގޮތުގައި ވޯލްޑްކަޕްގައި އިތުރު ވަގުތުގެ ގޮތުން ގިނަ ވަގުތުތަކެއް ދެނީ ކުޅުން ހުއްޓާލާފައި އޮންނަ ވަގުތުތައް މިހާރު ރަނގަޅަށް ބެލެމުން އަންނާތީއެވެ. ވީއޭއާރް ބޭނުން ކޮށްގެން މިހާރު ވަގުތު ގުނަމުން ދަނީ ކުޅުންތެރިން ބަދަލުކުރާ ވަގުތާއި، އަދި ކުޅުން ހުއްޓިފައި އޮންނަ އެހެން ވަގުތުތައް ވެސް ވަރަށް ރަނގަޅަށް ބަލައިގެންނެވެ. އެހެންވެ ކުޅުން ހުއްޓާލާފައި އޮންނަ ވަގުތައް އިތުރު ވަގުތުގެ ގޮތުގައި ގިނަ ވަގުތުތަކެއް ދޭން ޖެހެނީ ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮންމެއަކަސް އިތުރު ވަގުތު އިތުރުވުން ބައެއް ޓީމްތަކަށް ވަރަށް ބޮޑު އުފަލަކަށް ވެފައިވާއިރު އަނެއްބައި ޓީމްތަކަށް އިތުރު ވަގުތު ވެފައި މިވަނީ ބަދުނަސީބަކަށެވެ.