ބްރެޒިލް އާއި ކެމަރޫން މީގެކުރިން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައި ވަނީ ބްރެޒިލްއެވެ. އޭގެ ތެރެއިން އެއް މެޗުން ކެމަރޫން ވަނީ މޮޅުވެފައެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ ރަހްމަތްތެރިކަމުގެ މެޗެއްގައި 2018 ގައެވެ. އެ މެޗު 1-0 އިން ކާމިޔާބު ކުރީ ބްރެޒިލްއެވެ. ވޯލްޑް ކަޕްގައި ކެމަރޫން އާއި ބްރެޒިލް ދެ ފަހަރެއްގެ މަތިން ބައްދަލުކުރިއިރު، އެ ދެމެޗުން ވެސް މޮޅުވީ ބްރެޒިލްއެވެ.

މީގެ 29 އަހަރު ކުރިން 1994 ގައި ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލް ވަނީ 3-0 އިން ކެމަރޫން ބަލިކޮށްފައެވެ. އަދި 2004 ވަނަ އަހަރު ބްރެޒިލް ވަނީ 4-1 އިން ކެމަރޫން ބަލިކޮށްފައެވެ.

ކެމަރޫން އެންމެ ފުރަތަމަ ވޯލްޑް ކަޕް މެޗެއް ކުޅުނީ 1982 ވަނަ އަހަރު ޕެރޫއާ ދެކޮޅަށެވެ. ކެމަރޫން ވޯލްޑް ކަޕް މެޗަކުން އެންމެ ފުރަތަމަ މޮޅުވީ 1990 ވަނަ އަހަރު އާޖެންޓީނާ އަތުންނެވެ. ދެކުނު އެމެރިކާގެ ގައުމުތަކާ ދެކޮޅަށް ކެމަރޫން ކުޅުނު މެޗުތަކުގެ ތެރެއިން ދެ މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވިއެވެ. އެ ޓީމު ދެ މެޗުން ބަލިވެފައިވާ އިރު، އެ ދެ ފަހަރު ވެސް ކެމަރޫން ބަލިވީ ބްރެޒިލް އަތުންނެވެ.

އެފްރިކާގެ ގައުމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ހަތް މެޗުގައި ވެސް އެ ޓީމު ވަނީ ކުރި ހޯދައިފައެވެ. އެ މެޗުތަކުގައި ބްރެޒިލް 20 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް ވަނީ އެންމެ ދެ ލަނޑެވެ.

މިރޭގެ މެޗާ ކުރިމަތިލާ އިރު، ބްރެޒިލް ވަނީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ކެމަރޫން ދެވަނަ ބުރަށް ދާން ބޭނުން ނަމަ، ޖެހޭނީ ބްރެޒިލް އަތުން މޮޅުވާށެވެ. އެއްވަރުވެ، ނުވަތަ ބަލިވިޔަސް ކެމަރޫން ކަޓާނެއެވެ.

ބްރެޒިލް އާއި ކެމަރޫން ހިމެނޭ ގްރޫޕްގެ އެއް ވަނައިގައި މިވަގުތު އޮތީ ހަ ޕޮއިންޓާއެކު ބްރެޒިލްއެވެ. ސްވިޒަލެންޑް އޮތީ ދެވަނައިގައި ތިން ޕޮއިންޓާއެކުގައެވެ. ތާވަލްގެ ތިން ވަނަ އަދި ހަތަރު ވަނައިގައި އެއް ޕޮއިންޓާ އެކުގައި އޮތީ ކެމަރޫން އާއި ސާބިއާއެވެ.

ކެމަރޫން އެންމެ ފަހުން ކުޅުނު ހަތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މޮޅުވެވިފައެއް ނުވެއެވެ. އެގޮތުން ފަސް މެޗުން ބަލިވި އިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. ކެމަރޫން ވަނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުއާޓާ ފައިނަލާ ހިސާބަށް ދަތުރުކޮށްފައެވެ.

ފީފާ ރޭންކިންގައި ބްރެޒިލް އެއް ވަނައިގައި އޮތް އިރު، 43 ވަނައިގައި އޮތީ ކެމަރޫންއެވެ.

ކެމަރޫން މުބާރާތުގެ ފުރަތަމަ މެޗުގައި ސްވިޒަލެންޑް އަތުން 1-0 އިން ވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި 3-3 އިން ސާބިއާ އަތުން ވަނީ އެއްވަރުވެފައެވެ. ބްރެޒިލް އަށް ބަލާއިރު، އެ ޓީމު ވަނީ 2-0 އިން ސާބިއާ ބަލިކޮށްފައެވެ. އަދި ސްވިޒަލެންޑް އަތުން 1-0 އިން ބްރެޒިލް މޮޅުވެފައިވެއެވެ.

ކެމަރޫން އިން 2002 ގެ ފަހުން ވޯލްޑްކަޕެއްގެ މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެންމެ ފަހުން އެ ޓީމު ވޯލްޑުކަޕެއްގައި މޮޅުވި ލަނޑު ޖަހައިދީފައިވަނީ މިހާރު ކެމަރޫންގެ ފުޓްބޯޅް ފެޑެރޭޝަނުގެ ރައީސް ސެމުއެލް އެޓޫއެވެ.

މިއަހަރުގެ އެފްރިކަން ނޭޝަންސް ކަޕް ކެމަރޫން އިން ނިންމާލީ ތިންވަނައިގައި ނަމަވެސް އޭރުއްސުރެ ކެމަރޫން އިން ދަނީ ރަނގަޅު ފޯމަކަށް އެޅެން މަސައްކަތްކުރަމުންނެވެ. އޭގެ ފަހުން ކެމަރޫން އިން ގައުމުން ބޭރުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ބުރުންޑީއާ ދެކޮޅަށް ކުޅުނު މެޗެކެވެ.

ބްރެޒިލް މިރޭގެ މެޗާ ކުރިމަތިލާ އިރު، އެ ޓީމު ވޯލްޑް ކަޕްގައި އެންމެ ފަހުން 16 ފަހަރެއްގެ މަތިން ގްރޫޕް ސްޓޭޖްގައި ކުޅުނު އިރު، އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ފަސް ފަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ބްރެޒިލް ވަނީ 1930 އިން ފެށިގެން ހުރިހާ މުބާރާތެއްގައި ކުޅެފައެވެ.

ބްރެޒިލް މެޗާ ކުރިމަތިލާ އިރު، އެ ޓީމަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައެވެ. ހުނަރުވެރި ތަރި ނޭމާ އަށް އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖްގެ އެއްވެސް މެޗެއްގައި ނުކުޅެވޭނެއެވެ. އަދި ބްރެޒިލްގެ ފަހަތަށް ކުޅޭ ޑެނީލޯ އަށް ވެސް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ.

ކެމަރޫން - އެރިކް މެކްސިމް ޗައުޕޯ މޮޓިން

ކެމެރޫންގެ މޯޓިން-- ފޮޓޯ: ޓޯކް ސްޕޯޓް

ކެމެރޫންގެ ކުރިއަށް ކުޅެމުން އަންނަ ޖާޒީ ނަންބަރު 13، އެރިކް މެކްސިމް ޗައުޕޯ މޮޓިން އަކީ ބޭރުގެ ބޮޑެތި ހުރިހާ މީޑިއާތަކުން ފާހަގަ ކުރަމުން އަންނަ، މިއަހަރުގެ ވޯލްޑް ކަޕުގެ މި މެޗުގެ އެންމެ އިސް ދައުރެއް އަދާ ކުރާނެ ކުޅުންތެރިޔާއެވެ. އޭނާ އަކީ ބަޔާން އަށް ވެސް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ.

ފާއިތުވި 10 މެޗުގައި 11 ގޯލު ޖަހާފައިވާ މޯޓިންއަށް މިއަހަރުގެ މުބާރާތް ވެގެން ދާނީ ވަރަށް ވެސް މުހިންމު އަދި ބޮޑު މުބާރާތަކަށެވެ. އިދިކޮޅަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން އަންނަ މޯޓިން ވަނީ އެންމެ ފަހުން ސާބިއާ އާއި ކެމަރޫން ބައްދަލު ކުރި މެޗުގައި ވެސް ލަނޑެއް ޖަހައިފައެވެ. މި ކުޅުންތެރިޔާ ބްރެޒިލްގެ މުޅި ޓީމު ޕްރެޝަރަށް ވައްޓާލާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ބްރެޒިލް - ރިޗާލިސަން

ރިޗާލިސަން އަތުން ބޯޅަ ހޯދަން އަކަންޖީ މަސައްކަތް ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ބްރެޒިލް އާއި ސާބިއާ ކުޅުނު މެޗުގައި ބްރެޒިލް ސަޕޯޓަރުން އެންމެ ބޮޑަށް ސުވާލު އުފެއްދި އެއް ކަމަކީ ޓޮޓެންހަމްގެ ފޯވާޑް ރިޗާލިސަން އަށް ފުރަތަމަ 11 އިން ޖާގަ ދިނުމެވެ. އެކަމަކު، ފާޑު ކިޔާ މީހުންނަށް ރިޗާލިސަން ރައްދު ދިނީ މެޗުގެ ދެވަނަ ހާފްގައެވެ. ސާބިއާ އަތުން ބްރެޒިލް މޮޅުވެފައި ވަނީ ރިޗާލިސަން ޖެހި ދެ ގޯލުންނެވެ. އެތަނުން ފަހު ގޯލަކީ މި ވޯލްޑް ކަޕްގައި ފެނުނު އެންމެ ހިތްގައިމު ގޯލެވެ.

އެކަމަކު، އެންމެ ފަހުން ބްރެޒިލް ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރިޗާލިސަންގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނުނަސް، އޭނާއަކީ ޓީމުގެ ފުރަތަމަ 11 ގައި ހިމަނަން ޖެހޭ ކުޅުންތެރިއެއް ކަން ވަނީ ސާބިތުކޮށްދީފައެވެ. މިރޭގެ މެޗުގައި ވެސް އޭނާ އަށް ފުރުސަތު ދިނުމަކީ ވަރަށް ގާތް ކަމެކެވެ.

ކެމަރޫން އާއި މެކްސިކޯ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.