ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ގާތްގަނޑަކަށް 82،000 އާޖެންޓީނާގެ ސަޕޯޓަރުން ވަންނާނެ ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެފިއެވެ.

ފައިނަލް މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާއި މުބާރާތުގެ ފެވަރިޓް ޓީމު ކަމަށްވާ އާޖެންޓީނާއެވެ. ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ޖާދުލާ އެކު، 1986 ވަނަ އަހަރު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ގައުމަށް އަދި މި މުބާރާތް ކާމިޔާބެއް ނުކުރެވެއެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނެވެ. މިއީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕް ކަމަށްވާއިރު މިރޭ މުޅި ސްޓޭޑިއަމް ފުރޭނީ އާޖެންޓީނާގެ ފޭނުން ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްއަކީ 88،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއަކަށްވާއިރު މިއީ މިއަހަރު ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތެރެއިން އެންމެ ގިނައިން މީހުނަށް ވަދެވޭނެ ސްޓޭޑިއަމް ވެސް މެއެވެ. ވޯލްޑް ކަޕް ފެށުމުގެ ކުރިން ވެސް ގިނަ ބަޔަކު ވަނީ މިކަމަށް ފާޑު ކިޔާ ސްޓޭޑިއަމްތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް ގޮވާލައިފައެެވެ.

އެންމެ ފަހުން ކްރޮއޭޝިއާ އާއި އާޖެންޓީނާ ބައްދަލު ކުރި މެޗުގައި ވެސް، އާޖެންޓީނާގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް އެތެރެވެފައެވެ. އަދި ކުއާޓާ ފައިނަލުގައި ނެދަލެންޑްސްގެ މަދު ސަޕޯޓަރުން ތިބިއިރު މުޅު ސްޓޭޑިއަމް އޮތީ ނޫ ކުލައިން ޖަރީ ވެފައެވެ. އެހާ ވެސް ގިނަ އާޖެންޓީނާގެ ސަޕޯޓަރުން ވަނީ ޓީމަށް ހިތްވަރު ދިނުމަށް ދަނޑަށް ވަދެފައެވެ. މިހާ ގިނަ ސަޕޯޓަރުންނާއެކު ފައިނަލް މެޗަށް އާޖެންޓީނާ ނިކުތުމަކީ ފްރާންސަށް ކުރިމަތިވާނެ ޕްރެޝަރެއް ކަމަށް ލަފާކުރެވެއެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު
މެޗުގައި ތިބި އާޖެންޓީނާގެ ސަޕޯޓަރުން ފޮޓޯ / ގެޓީ އިމޭޖެސް

ގަތަރުގެ މަގުތަށް މިހާރު ވެސް ފުރިފައިވަނީ "10 ނަންބަރު މެސީ" ޖާޒީގައި ތިބި ސަޕޯޓަރުން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރުމާ ގުޅިގެން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކޮށްފައެވެ. އެމީހުން ތިބީ އާޖެންޓީނާގެ ދިދަ އާއި ޖާޒީ ލައިގެންނެވެ. ބައެއް މީހުން ތިބީ ވޯލްޑް ކަޕަށް ހާއްސަކޮށްފައިވާ ތަށި ވެސް ހިފައިގެންނެވެ.

އެހެން ބައެއް ސަޕޯޓަރުން މެސީގެ މާސްކް އަޅައިގެން ތިބި އިރު، ބައެއް މީހުން މޫނުގައި ކުލަ ޖައްސާފައި ވެސް ހުއްޓެވެ. އަދި ފޮޓޯއަކުން އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާއާ ވައްތަރު މީހެއް ވެސް ފެނިފައިވެއެވެ.

މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު އޮންނަ ފައިނަލް މެޗުގެ މެޗުގެ ޓިކެޓްތައް ވިއްކަން ރަސްމީކޮށް ނިންމާފައިވަނީ 600 ޑޮލަރަށް ޓިކެޓެއްގެ ރޭޓުން ނަމަވެސް، ކަޅު ބާޒާރުގައި މިހާރު ޓިކެޓެއްގެ އަގު ހުރީ 3000 ޑޮލަރާއި 4000 ޑޮލަރާއި ދޭތެރޭ އަގުތަކަށް އަރާފައި ކަމަށް ބޭރުގެ ރިޕޯޓް ތަކުން ބުނެއެވެ.

މިކަމާއި ގުޅިގެން އާޖެންޓީނާ އަދި ފްރާންސްގެ ބައެއް ސަޕޯޓަރުން ވަނީ ގަތަރުގައި ހުންނަ އެ ޓީމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މުވައްޒަފުން ތިބޭ ހޮޓަލު ކައިރިއަށް އެއްވެ ޓިކެޓްގެ އަގުތައް ފީފާ އިން އޮފިޝަލްކޮށް ކަނޑައަޅައިފައިވާ އަގުތަކަށް ދަށް ކުރުމަށް ގޮވާލާފައެވެ. އަދި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަޅު ބާޒާރުގައި އަގު ބޮޑު ކޮށް ޓިކެޓު ވިއްކަމުން އަންނަ ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.

ވޯލްޑް ކަޕް ޓިކެޓްްތައް ރަސްމީކޮށް ވިއްކަމުން ދަނީ ފީފާގެ ވެބްސައިޓުންނާއި ގަތަރު ހުންނަ ދޯހާ އެކްޒަބިޝަން އެން ކޮންވެންޝަން ސެންޓަރުންނެވެ.