ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ދުނިޔޭގައި ބާއްވަމުން އަންނަ ފުޓްބޯޅައިގެ އެންމެ ބޮޑު އީދަށް މިރޭ ނިމުން އަންނާނެއެވެ. ގާތްގަނޑަކަށް އެއް މަސް ދުވަހަށް ދިގުދެމިގެން ދިޔަ މުބާރާތުގައި 64 ވަނަ މެޗު މިރޭ ކުޅޭނެއެވެ. އެއީ ތާރީހީ މެޗުގައި ބައްދަލު ކުރާނީ ފްރާންސާއި އާޖެންޓީނާއެވެ.

އެއާއެކު، ގަތަރުގައި ބޭއްވި މުބާރާތަށް ނިމުން އައީއެވެ!

ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ މެޗު ފެށުމުގެ ކުރިން، މި މެޗު އޮންނަ ލުސައިލް ސްޓޭޑިއަމްގައި މުބާރާތް ނިންމުމުގެ ހަފްލާ ކުރިއަށްދާނެއެވެ. މިރޭގެ މެޗަށް 88000 ސަޕޯޓަރުން ހާޒިރުވާނެ ކަމަށް ބެލެވޭއިރު މުބާރާތް ނިންމުމުގެ ހަފްލާއަށް ފީފާ އިން ދީފައިވާ ނަމަކީ ' އަ ނައިޓް ޓު ރިމެމްބަރ' ނުވަތަ ހަނދާނުގައި ހުންނާނެ ރެއެކެވެ.

މި ހަނދާނުން ފޮހެނުލެވޭނެ ރެ އަކީވެސް މިދިޔަ މަހު ޤަތަރުގެ އަލްބައިތް ސްޓޭޑިއަމްގައި އޮތް ވޯލްޑްކަޕް ފެށުމުގެ ހަފްލާ ފަދަ ފުރިހަމަ ހަފްލާއަކަށް ވާނެކަމަށް ލަފާކުރެވެއެވެ. މުބާރާތް ފަށާފައިވަނީ މީހުންގެ މެދުގައި ހުރި ތަފާތުތައް އެއް ފަރާތްކޮށް، އެއްބަޔަކު އަނެއްބަޔަކު ބަލައިގަނެ ގުޅުންތައް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުވާލަމުންނެވެ.

އަދި މުބާރާތް ނިންމާލުމުގެ މި ހަފްލާގައި ޅެމާއި މިއުޒިކްގެ ޒަރީއާއިން އަލި އަޅުވާލާނީ މުބާރާތުގެ 29 ދުވަހުގެ ތެރޭގައި ދުނިޔެ އެއްބައިވަންތަ ވުމުގެ މައްޗަށް ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ފީފާއިން ބުނެފައިވަނީ މި ހަފްލާގައި ފީފާ ވޯލްޑްކަޕް 2022 ގެ ރަސްމީ ލަވަތަކުގެ ލައިވް ހުށައެޅުންތައް ފެނިގެންދާނެ ކަމަށެވެ. އެގޮތުން ގަތަރުގެ ލަވަކިޔުންތެރިޔާ އާއިޝާ އާއި އެމެރިކާ- ނައިޖީރިއާ ދަރިކޮޅުގެ ލަވަކިޔުންތެރިޔާ ޑަވިޑޯ މުބާރާތުގެ ތީމް ލަވަ، " ހައްޔާ ހައްޔާ (ބެޓަރ ޓުގެދާ)" ހުށައަޅައިދޭނެއެވެ.

މި ދެ ލަވަކިޔުންތެރިންގެ ހުށައެޅުމަށްފަހު ޕުއެޓަ ރިކޯ ގެ ރެގެޓޯން ލަވަކިޔުންތެރިޔާ އޮޒުނާ އަދި ފްރާންސް ގެ ރެޕަރ ގިމް "އަރްބޯ" ހުށައަޅައިދޭނެއެވެ. އަދި އެންމެ ފަހުން މޮރޮކޯ- ކެނެޑާގެ ގެ ލަވަކިޔުންތެރިޔާ ނޯރާ ފަތޭހީ، އެމިރާތީ ޕޮޕް ސްޓާ ބަލްގީސް، އިރާގުގެ މިއުޒިޝަން ރަހުމާ ރިއާދް އަދި މޮރޮކޯގެ ވޯކަލިސްޓް މަނާލް އެކުގައި " ލައިޓް ދަ ސްކައި" ހުށައަޅައިދޭނެއެވެ.

މި ހަފްލާ ދެމިގެންދާނީ 15 މިނެޓަށެވެ. އާޖެންޓީނާ އާއި ފްރާންސްގެ މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިން ލުސައިލް ސްޓޭޑިއަމްގެ ގޭޓްތައް ހުޅުވާލާނެއެވެ.