ފްރާންސް އަދި އެނބުރި އަންނާނެ ކަމަށް އެޓީމުގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

ފައިނަލްގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވީ ޕެނަލްޓީގައެވެ. އެ މެޗުގައި އާޖެންޓީނާ އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފްރާންސް އަށް ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްދިނީ އެމްބާޕޭއެވެ. އޭގެ ފަހުން އާޖެންޓީނާ އިން ތިން ވަނަ ލަނޑެއް ޖަހައި ލީޑު ނެގި ނަމަވެސް، އެންބާޕޭ ވަނީ ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފްރާންސް ބަލިވީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައެވެ. މެޗުން ބަލިވުމުން ފްރާންސް ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު ނުތަނަވަސްކަމެއް ފެނުނީ ވެސް އެމްބާޕޭގެ މޫނު މަތިންނެވެ.

މެޗުގެ ފަހު ވަގުތު އެމްބާޕޭ މޮޅު ކުޅުމެއް ދެއްކިއިރު، މިއީ 1966 ވަނަ އަހަރުގެ ފަހުން ފައިނަލް މެޗެއްގައި ކުޅުންތެރިޔަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. މެޗަށްފަހު އެމްބާޕޭ އެއްވެސް ވާހަކަ އެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމްބާޕޭ ވަނީ ކުރު ޓުވީޓެއް ކޮށްފައެވެ. މިއަހަރުގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދިން ރަން ބޫޓާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން އެމްބާޕޭ ލިޔުނީ، ފްރާންސް އެނބުރި އަންނާނެ ކަމަށެވެ. މުބާރާތުގެ ރަން ބޫޓު އެމްބާޕޭ ހޯދީ ފައިނަލްގައި ހެދި ހެޓްރިކާއެކު ޖުމުލަ 8 ލަނޑު ޖަހައިގެންނެވެ.

ފްރާންސްގެ ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން އެމްބާޕޭ އެ ދިން މެސަޖަކީ އޭނާ ހިތްވަރު އެލުވާ ނުލާނެ ކަމުގެ މެސެޖެވެ. އަދި މީގެ ހަތަރު އަހަރު ފަހުން، 2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް މުބާރާތުގައި ވެސް އޭނާ ކުޅޭނެ ކަމުގެ ވާހަކައެވެ. އެމްބާޕޭ ވަނީ މިހާތަނަށް ވޯލްޑް ކަޕްގައި 12 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭއާ އެއް އަދަދަކަށް ވޯލްޑް ކަޕްގައި ލަނޑު ޖަހާފައެވެ. ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ޖަރުމަނުގެ މިރޮސްލާވް ކްލޯސްއެވެ. އޭނާ ވަނީ 16 ލަނޑު ޖަހާފައެވެ. އެ އަދަދާ ހަމަކުރުމަށް އެމްބާޕޭ އަށް ބޭނުންވަނީ ދެން އޮންނަ ވޯލްޑް ކަޕެއްގައި ހަތަރު ލަނޑު ޖެހުމަށެވެ. ފަސް ލަނޑުން އެމްބާޕޭ އަށް އެ ރެކޯޑު ވެސް މުގުރާލެވޭނެއެވެ.

ވޯލްޑް ކަޕަށްފަހު ފްރާންސް ޓީމު ހޯމަ ދުވަހު އެނބުރި ގައުމަށް ގެންދިޔުމުން އެޓީމަށް މަރުހަބާ ކިޔުމަށް 50،000 އަށް ވުރެ ގިނަ މީހުން ފްރާންސްގެ ވެރިރަށް ޕެރިހުގެ މަގުތަކަށް ވަނީ ޖަމާވެފަ އެވެ.

ފްރާންސަށް ކުރިއަށް ދެން އޮންނާނީ 2024 ގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން އެވެ. ކޮލިފައިން ފަށާނީ އަންނަ މާޗު މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސާސް

    ދެން ފްރާންސް އެބުރި ނާންނާނެ.

    7
    15
    • އެން ބައްޕޭ

      ކަލޭ ބަލަން ހުރޭ. ޔޫރޯ އާއި ވޯލްޑް ކަޕް ނަގާތަން. އެމީހުން އަސްލު ސްކޮޑް ނެތި އިންޖަރީތަކާހުރެވެސް ފައިނަލަށް ގޮސް މޮޅު ފައިޓެއް ދިން. ޕެނަލްޓީ އަކީ ބަލިވުމެއް ނޫން . އެއީ ނަތީޖާ ނެރުން ބަޔަކު މޮޅު ނުވެގެން.

      1
      4
  2. ހުވަދު

    ކޮންތާކަށް އަންނަނީ.

    5
    3