މިަހަރުގެ ވޯލްޑްކަޕްގެ ފައިނަލްގައި އާޖެންޓީނާއާއި ފްރާންސް ބައްދަލުކުރި މެޗަށް ފަހު، އެ މެޗުގެ ދެތަރިން ތަމްސީލުކުރާ ކުޅިވަރުގެ ސާމާނަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް އިތުރު ވެއްޖެއެވެ.

ވޯލްޑްކަޕަށް ފަހު އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި، ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ ނުފޫޒު ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑުވެފައެވެ. މީގެ ފައިދާ އެންމެ ބޮޑަށް ކުރާނެ އެއް ފަރާތަކީ މި ދެ ކުޅުންތެރިން ނިސްބަތްވާ ކުލަބު ކަމަށްވާ ޕެރިސް - ސެއިންޓް ޖާމެއިން (ޕީއެސްޖީ) އެވެ.

ކުޅިވަރު ސާމާނު ވިއްކާ ފެނަޓިކްސް ކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ ރަޝިއާ ވޯލްޑްކަޕާއި އަޅާ ބަލާއިރު މިއަހަރުގެ ޤަތަރު ވޯލްޑްކަޕުގައި ޖޯޒީތަކުގެ ވިޔަފާރި 700 އިންސައްތަ ވަނީ މައްޗަށް ގޮސްފައެވެ.

މެސީ އާއި އެމްބާޕޭ ޕީއެސްޖީގެ ޖޯޒީގައި --- ފޮޓޯ: ގެޓީ އިމޭޖަސް

ސަޕޯޓަރުން ވަނީ ނައިކީ ބްރޭންޑްގެ ޕީއެސްޖީ ޖޯޒީތައް ވަރަށް ގިނައިން ގަނެފައެވެ. އެގޮތުން ޕީއެސްޖީގެ ރަސްމީ އޮންލައިން ފިހާރައިގައި މެސީ އާއި އެމްބާޕޭގެ ގެ ޖޯޒީގެ ވިޔަފާރި ވަނީ 200 އިންސައްތަ މައްޗަށް ޖެހިލާފައެވެ. ޕީއެސްޖީގެ ރަސްމީ އޮންލައިން ފިހާރަ ހިންގާ ފެނެޓިކްސް ކުންފުނިން ބުނެފައިވަނީ ޕީއެސްޖީ ޖޯޒީތަކުގެ 40 އިންސައްތަ ވިޔަފާރި ކޮށްފައިވަނި އެމެރިކާއިން ކަމަށެވެ.

35 އަހަރުގެ މެސީ ބުނެފައިވަނީ މިއީ އޭނާގެ އެންމެ ފަހުގެ ވޯލްޑްކަޕް ނަމަވެސް، ގައުމީޓިމަށް އަދި އިތުރަށް ކުޅެން ބޭނުންވާ ކަމަށެވެ. މެސީ ވަނީ ފައިނަލް މެޗުގައި ދެ ގޯލު ޖަހާފައެވެ. އަދި މި ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އަދި އެމްބާޕޭވެސް ވަނީ ފައިނަލް މެޗުގައި ހެޓްރިކެއް ހަދާ އޭނާގެ ނަން ތާރީހުގައި ލިޔެލާފައެވެ. މިއީ ވޯލްޑްކަޕްގެ ތާރީހުގައިވެސް ފައިނަލް މެޗެއްގައި ހެޓްރިކެއް ހެދި ދެވަނަ ފަހަރެވެ. މީގެ ކުރިން ފައިނަލް މެޗުގައި ހެޓްރިކެއް ހަދާފައިވަނީ 1966 ވަނަ އަހަރު އިންގްލެންޑުގެ ޖިއޮފް ހާސްޓް އެވެ. އެމްބާޕޭ ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.