އަންނަ މަހު ތައިލެންޑްގައި އޮންނަ އޭސީސީ ޗެލެންޖަރސް ކަޕަށް ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ތައްޔާރުވާން ފަށައިފިއެވެ.

މިއީ މިދިޔަ ދިހަ އަހަރުގެ ތެރޭގައި 50 އޯވަރުގެ މުބާރާތެއްގައި ރާއްޖޭގެ ޤައުމީ ޓީމް ކުޅޭ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރާ އެހެން ގިނަ ގައުމުތަކުން ވެސް ޢާއްމުކޮށް ކުޅެމުން އަންނަނީ ޓީ20 މުބާރާތްތަކެވެ.

މުބާރާތް ތައިލެންޑްގެ ބެންކޮކްގައި ފަށާނީ އަންނަ މަހުގެ 24 ވަނަ ދުވަހުއެވެ. މާރޗް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށްދާނެއެވެ. މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ހަތް ޤައުމު ވާދަކުރާނެކަން ވަނީ ކަށަވަރުވެފައެވެ. އެއީ ބަހުރެއިން, ސައުދީ އަރަބިއްޔާ, ބޫޓާން, ތައިލެންޑް, މިޔަންމާ އަދި އިރާންއެވެ. މުބާރާތް ކުޅޭނީ ފަންސާސް އޯވަރަށެވެ.

މިދިޔަ ހަފްތާތަކުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ޓީމުން އަންނަނީ ކުޅުންތެރިންގެ ފިޓްނަސްއަށް މަސައްކަތް ކުރަމުންނެވެ. ހަމައެހެންމެ މިބާރާތަށް ތައްޔާރުވުމުގެ ގޮތުން ކްރިކެޓް ސްޓޭޑިއަމްގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. މުބާރާތާ ކުރިމަތިލާއިރު ރާއްޖޭގެ ޓީމަށް އޮންނާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ބާރު އުކުންތެރިޔާ ހަސަން އިބްރާހީމް އޮސްޓްރޭލިޔާގެ ތަމްރީންތަކަށްފަހު ޓީމާ ގުޅުމެވެ. މުބާރާތުގެ ކުރިން އޭނާ ޓީމާ ގުޅޭނެއެވެ.

މިމުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެޓީމަށް އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ މަރުހަލާއިން ފުރުޞަތު ލިބޭނެއެވެ.