ގައުމީ ބޭންކާއި އަރުތަ ސްކޮލަޝިޕެއްގައި ރާއްޖޭގެ ދެ ޓީޓީ ކުޅުންތެރިން ކަމަށްވާ ޖުމާނާއާއި މިޝްކާ، ތަމްރީނުތަކަށް އިންޑިޔާއަށް ފުރައިފިއެވެ.

އަރުތަ ޕްރޮގްރާމަކީ އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.

މި ދެ ކުޅުންތެރިން އިންޑިޔާގައި ތިބެގެން ތައްޔާރުވާނީ، މި އަހަރު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށެވެ.

މީގެ ތެރެއިން ބޭންކްގެ ސްކޮލަރޝިޕް ލިބިފައިވަނީ ޖުމާނާއަށެވެ. އަރުތަ ސްކޮލަޝިޕް ލިބުނީ މިޝްކާއަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފައިވަނީ މި ފުރުސަތު މި ދެ ކުޅުންތެރިންނަށް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަޚުލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަމުން، އެ ދެ ފަރާތަށް ވަރަށްބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޓީޓީ އެސޯސިއޭޝަނުން ވަނީ ކުރިއަށްހުރި ސަރަހައްދީ މުބާރާތްތަކުގައި ގައުމީ ޓީމް ތަމްސީލުކުރާ ކުޅުންތެރިންނަށް އިރުޝާދު ދިނުމަށް ޗައިނާގެ ކޯޗުންގެ ޓީމެއްވެސް ރާއްޖެ ގެނެސްފައެވެ.

އަރުތަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތުލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަހުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.