ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ފްރައިބާގް އަތުން ޔުވެންޓަސް މޮޅުވިއިރު، އާސެނަލް ކުޅުނު މެޗުން އެއްވަރުވެއްޖެ އެވެ.

ފްރައިބާގްގެ މައްޗަށް ޔުވެންޓަސް އިން 1-0 އިން ކުރިހޯދިއިރު، ރަށުންބޭރުގައި ސްޕޯޓިން ލިޒްބަންއާ ކުޅެގެން އާސެނަލް ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

މެޗުން ޔުވެންޓަސް މޮޅުކޮށްދިން ލަނޑު ޖެހީ ދުނިޔޭގެ ޗެމްޕިއަން އެންޚެލް ޑި މާރިއާއެވެ. ދެވަނަ ހާފްގެ ކުރީކޮޅު އޭނާ ޖެހި ލަނޑާއެކު ރަށުން ބޭރުގައި ކުޅޭ ދެވަނަ ލެގަށް ދާއިރު ޔުވެންޓަސްއަށް އެޑްވާންޓޭޖް އެބައޮތެވެ. ދެވަނަ ލެގު އަންނަ ބުރާސްފަތި ދުވަހު ކުޅޭނީ ޖަރަނީގައެވެ.

ޔުވެންޓަސްއިން މެޗު ކުޅުނީ މިޑްފީލްޑަރ ޕޮގްބާއަށް ފުރުޞަތު ނުދީއެވެ. އެއީ އަހުލާގީ މައްސަލައެއްގެ ސަބަބުންނެވެ.

ސްޕޯޓިން ލިޒްބަން ސަޕޯޓަރުންގެ ކުރިމަތީގައި އާސެނަލުން ވަނީ ވިލިއަމް ސަލީބާ ބޮލުން ޖެހި ގޯލަކުން ލީޑުނަގައިފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ވެސް އެ ޓީމުގައި ނިންމައިނުލެވުނެވެ. އެ ގޮތުން، މެޗުގެ 34 ވަނަ މިނިޓްގައި ސްޕޯޓިންގެ ގޮންޒާލޯ އިނާޝިއޯ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، 10 މިނިޓް ތެރޭ ޑިއާޒް ފެނާންޑޭޒް ވަނީ ސްޕޯޓިން އަށް ލީޑުނަގައިދީފަ އެވެ. ސްޕޯޓިން އިން ޖެހި ދެ ގޯލުގައި ވެސް އާސެނަލްގެ ފަހަތުން ހެދި ގޯސްތަކުގެ ފައިދާ ވަނީ ރަނގަޅަށް ނަގައިފަ އެވެ.

އާސެނަލަށް އެއްވަރުކޮށްދިން ލަނޑަކީ ސްޕޯޓިންގެ ޖަޕާނުގެ މިޑްފީލްޑަރު، ހިޑެމާސާ މޮރީޓާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގަދަ 16 ބުރުގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑުން ވަނީ 1-4ގެ ނަތީޖާއިން ރެއަާލް ބެޓިސް ބަލިކޮށްފައެވެ. ހޯސޭ މޮރީނިއޯގެ ރޯމާ އިން ވަނީ 2-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފަ އެވެ. ސެވިއްޔާ އިން 2-0 އިން ފެނަބާޗޭ ކައިރިން ކުރިހޯދިއިރު، ޝަހުތަރު ޑޮނެސްކާއި ފެޔަނޫޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.