• ޕީއެސްޖީގެ ތަރި ނޭމާ އަށް ދެން އެންމެ އަވަހަށް ފުޓުބޯޅަ ކުޅެވޭނީ އޮޕަރޭޝަންކުރުމަށް ފަހު، ތިން މަސް ދުވަސް ފަހުން ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ނޭމާއަށް އަނިޔާވީ މި މަހު 19 ގައި ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ލިއްލެއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.އެ މެޗުން ޕީއެސްޖީ މޮޅުވީ 4-3 އިންނެވެ.

ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ ނޭމާގެ ކަނާތު ފައިގެ ކުޑަ ހުޅަށް އެކި ފަހަރު މަތިން ލިބުނު އަނިޔާ ގިނަކަމުން، އޮޕަރޭޝަނަކަށް ނުގޮސް ދާއިމީ ހައްލެއް ނެތް ކަމަށެވެ. އެހެން ނޫނީ ދެން ކުރިމަތިވެދާނެ ނުރައްކާ ބޮޑުވެދާނެ ކަމަށް ވެސް ބުންޏެވެ.

ބޭރުގެ ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާގޮތުން ގަތަރުގެ ދޯހާގެ ހޮސްޕިޓަލެއްގައި ނޭމާގެ ކުޑަހުޅުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

ނޭމާގެ ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވެ މި ސީޒަނުގައި ނުކުޅެވޭނޭކަން ޔަގީންވެފައިވާއިރު، މި ސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން މެޗްތަކުގައި މިހާތަނަށް ނޭމާ ވަނީ 13 ގޯލް ޖަހާފައެވެ.

ޕީއެސްޖީ އަށް ބަދަލުވި ފަހުން އަނިޔާތަކާއި ސަސްޕެންޝަނުގެ ސަބަބުން ނޭމާ އަށް ވަނީ 100 އަށް ވުރެ ގިނަ މެޗު ގެއްލިފަ އެވެ. އޭނާ ޕީއެސްޖީ އަށް ބަދަލުވި ފަހުން ފްރާންސް ލީގުގައި މިހާތަނަށް އެ ކުލަބުން ކުޅުނު މެޗުތަކުގެ 50 ޕަސެންޓު މެޗު ވެސް ފުރިހަމައެއް ނުކުރެވެ އެވެ. އެކަމަކު ނޭމާ ވަނީ އޭނާ މިހާތަނަށް ޕީއެސްޖީ އަށް ކުޅުނު 173 މެޗުން 118 ގޯލް ޖަހައިދީފަ އެވެ.

މީގެ ކުރިން ނޭމާ ކުޅުނު 2014 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް އަނިޔާއާ ކުރިމަތިވިއެވެ. އެގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޭމާގެ ބުރަކަށްޓަށް އަނިޔާވެގެން އޭނާ ބަދަލު ކުރަން ޖެހުނެވެ. 2018 ވަނަ އަހަރު ރަޝިއާގައި ކުޅުނު ވޯލްޑް ކަޕަށް ބްރެޒިލް އައިއިރު، ނޭމާ ފިޓްނަސް ރަނގަޅެއް ނޫނެވެ. ނޭމާ އަށް އެ އަހަރު ކުރީކޮޅު އަނިޔާގެ މައްސަލައަކާ ކުރިމަތިވިއެވެ.