އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިއަކީ އިންގްލެންޑަށް ކުޅެމުން އަންނަ ބަކާޔޯ ސަކާ ކަމަށް ޔޫކްރެއިންގެ ޑިފެންޑަރު އެލެކްސެންޑްރާ ޒިންޗެންކޯ ބުނެފިއެވެ.

ޔޫރޯ ކޮލިފައިންގައި ރޭ އިންގްލެންޑް އާއި ޔޫކްރެއިން ބައްދަލު ކުރި މެޗު 2-0 އިން ކާމިޔާބު ކުރީ އިންގްލެންޑެވެ. އެ މެޗުގެ ފުރަތަމަ ލަނޑު ޖަހަން ހެރީ ކޭން އަށް ފުރުސަތު ހޯދައި ދިނީ ސަކާއެވެ. އަދި އިންގްލެންޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދީފައި ވަނީ ސަކާއެވެ.

އިނގިރޭސި މަޝްހޫރު ކްލަބު އާސެނަލް އަށް ކުޅެމުން އަންނަ ސަކާ މިވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި 69 ޕޮއިންޓާ އެކު އާސެނަލް އޮތީ އަށް ޕޮއިންޓްގެ ތަފާތަކާ އެކުގައެވެ. އާސެނަލް އެއްވަނައިގައި އޮތުމުގައި ސަކާގެ ހިއްސާ ވެސް ވަރަށް ބޮޑެވެ.

މި ސީޒަންގައި ސަކާ ވަނީ އާސެނަލް އަށް 12 ގޯލް ޖަހައި 10 ގޯލް ޖަހަން އެހީތެރިވެދީފައެވެ. އާސެނަލް އަށް ކުޅެމުން އަންނަ ޒިންޗެންކޯ ވަނީ ސަކާ އަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކޮށްފައެވެ.

"އޭނާއަކީ (ސަކާ) ވަރަށް މޮޅު ކުުންތެރިއެއް. އަހަރުމެންނަށް އެކަން އެނގޭ،" ޒިންޗެންކޯ ކިޔައި ދިނެވެ.

"އޭނާގެ ފަރާތުން މިހާރު ފެންނަނީ މޮޅު ކުޅުމެއް. ދަނޑުމަތީގައި ރަހްމަތްތެރިންނެއް ނުތިބޭނެ، އެކަމަކު، އޭނަ އަހަރެން ކައިރިން ވެސް ނައްޓާލާފައި ބޯޅަ ހިފައިގެން ދަނީ،"

ޒިންޗެންކޯ ބުނި ގޮތުގައި މިކަހަލަ މެޗުތަކުގައި ތަފާތު ދައްކާނީ ބޮޑެތި ކުޅުންތެރިންނެވެ. އިންގްލެންޑުން ފުރަތަމަ ހާފްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފި ކަމަށާއި އޭގެ ފަހުން އެ ޓީމަށް އުނދަގޫވި ކަމަށް ވެސް ޒިންޗެންކޯ ބުނެފައިވެއެވެ.

ޕްރިމިއާ ލީގުގައި އާސެނަލް އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ލީޑްސް ޔުނައިޓެޑްއާ ދެކޮޅަށެވެ. ޒިންޗެންކޯ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ވެސް ސަކާގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.