ޗެލްސީ އަށް ކުޅެމުން އަންނަ ޕިއޭ-އެމެރިކް އޮބާމަޔަން އަލުން އެ ކުލަބަށް ގެނައުމުގެ ޝައުޤުވެރިކަން ސްޕެއިންގެ ބާސެލޯނާ އިން ގެންގުޅޭ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އޮބާމަޔަން ވަނީ މީގެ ކުރިން ވެސް ބާސެލޯނާ އަށް ކުޅެފައެވެ. އާސެނަލް ދޫކޮށް އޭނާ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރުއެވެ. އާސެނަލުން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ ހިލޭ ޓްރާންސްފާއެއްގައެވެ. އޭރު އޭނާ ބާސެލޯނާ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ބާސެލޯނާގައި ދިމާވި މާލީ މައްސަލަތަކުގެ ސަބަބުން އެ ކުލަބުން ވަނީ އޮބާމަޔަން ދޫކޮށްލައިފައެވެ. ބާސެލޯނާ ދޫކޮށް އޮބާމަޔަން ޗެލްސީ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޮބާމަޔަން މިހާރު ބޭނުން ވަނީ ޗެލްސީ ދޫކޮށްލުމަށެވެ. އޭނާ އެ ކުލަބު ދޫކޮށްލަން ބޭނުންވަނީ އެންމެ އެދެވޭ ގޮތުގައި ފުރުސަތު ނުލިބޭތީއެވެ. އަނެއްކޮޅުން އޮބާމަޔަން ދޫކޮށްލުމަށް ޗެލްސީން ވެސް އެއްބަސްވާނެ ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ބުނެފައެވެ.

ބާސެލޯނާ ދޫކޮށް ޗެލްސީ އަށް ބަދަލުވި ފަހުން އޮބާމަަޔަން އެ ކުލަބަށް ކުޅެދީފައި ވަނީ 19 މެޗެވެ. އޭނާ ވަނީ ތިން ލަނޑު ޖަހައިފައެވެ. އޭގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި އޮބާމަޔަން ކުޅެފައި ވަނީ އެންމެ 13 މެޗެވެ. އެހެންކަމުން އޮބާމަޔަން ބޭނުންވަނީ ޗެލްސީ ދޫކޮށް އަނެއްކާ ވެސް ބާސެލޯނާ އަށް އައުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމުގެ ތެރެއިން ބާސެލޯނާގެ މާލީ ހާލަތު އޮތް ގޮތުން، ކުޑަ މުސާރައެއްގައި އަންނަން ވެސް އޭނާ ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާ އިން ވެސް އޭނާ ހޯދަން ބޭނުންވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ވެސް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮބާމަޔަން ބާސެލޯނާ އަށް ގެނައުމަށް ބިނާވެގެންދާނީ ފައިނޭންޝަލް ފެއާ ޕްލޭގެ މައްޗަށެވެ.