ލިވަޕޫލްގެ މިޑްފީލްޑަރު ޖޭމްސް މިލްނާ ގެންދިއުމަށް ބްރައިޓަން އިން ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ބައެއް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މިލްނާ، ލިވަޕޫލްއާ އެކުގައި ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް ހޫނު މޫސުމުގައި ހަމަވާނެއެވެ. ނަމަވެސް އޭނާގެ އެއްބަސްވުން އާ ކުރަން ލިވަޕޫލް އިން މާ ބޮޑު މަސައްކަތެއް ނުކުރެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބޭނުން ވަނީ މިލްނާ، ލިވަޕޫލްގައި ބަހައްޓާށެވެ. އަދި ލިވަޕޫލްގެ މިޑްފީލްޑްގައި މިލްނާ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށް ކްލޮޕް ގަބޫލު ކުރެއެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް މިލްނާއާ ލިވަޕޫލްއާ އެކުގައި އެއްބަސްވުމަކަށް އާދެވިފައި ނުވެއެވެ.

މިލްނާ ވަނީ ލިވަޕޫލް އަށް 326 މެޗު ކުޅެދީފައެވެ. އަދި ލިވަޕޫލް އާ އެކުގައި ޗެމްޕިއަންސް ލީގު، ޕްރިމިއާ ލީގު، ކްލަބް ވޯލްޑް ކަޕް، އެފްއޭ ކަޕް އަދި ލީގު ކަޕް ވަނީ ކާމިޔާބުކޮށްފައެވެ.

މިލްނާގެ އުމުރުން 37 އަހަރު ފުރިފައިވާ އިރު، އޭނާ އާ އެކުގައި ފޯވާޑް ރޮބާޓޯ ފަމީނިއޯ ވެސް ޓީމު ދޫކޮށް ދާން އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިލްނާ ހޯދުމުގެ މަސައްކަތް ބްރައިޓަން އިން ރަސްމީކޮށް ފަށާނީ މި ސީޒަން ނިމުމާއެކުގައެވެ.

ބްރައިޓަންގެ އިތުރުން ބާންލީން ވެސް މިލްނާ އަށް ޝައުގުވެރިވެއެވެ.