ގަތަރުގެ މަހުޖަނު ޝެއިހް ޖާސިމް ބިން ހަމަދު އަލް ޘާނީއަށް މެންޗެސްޓަރ ޔުނައިޓެޑް ގަންނަން ހުށަހެޅުނު ބިޑް ކާމިޔާބުކުރެވިއްޖެ ނަމަ، ޕެރިސް ސެއިންޓް ޖަރމައިން (ޕީއެސްޖީ) އަށް ކުޅެމުންދާ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ބޭރުގެ ކުޅިވަރު މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މިދިޔަ ހަފްތާ ތެރޭގައިވެސް ޝެއިހް ޖާސިމް ވަނީ މެންޗެސްޓަރ ޔުނައިޓެޑް ގަންނަން ބިޑް ހުށަހަޅާފައިއެވެ. ގްލޭޒަރސް އަތުން މެންޗެސްޓަރ ޔުނައިޓެޑް ގަތުމުގެ މަސައްކަތް އޭނާއާއި އެންމެ ގާތުން ކުރަމުން ދަނީ އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔާ ސާރ ޖިމް ރެޓްކްލިފްއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި މެންޗެސްޓާ ޔުނައިޓެޑް ހޯދުމުގެ ރޭހުގައި އެ ކްލަބްގެ ވެރިން ޖޮއީލް އާއި އެވްރަމް ކުރިމަތީގައި ރެޓްކްލިފްގެ ހުށަހެޅުން މާ މަގްބޫލުއެވެ. އެއީ ރެޓްކްލިޕްގެ ހުށަހެޅުމުން ޖޮއިލްއާއި އެވްރަމްއަށް މެންޗެސްޓާ ޔުނައިޓެޑްގައި ކޮންމެވެސް ވަރެއްގެ ހިއްސާއެއް ބޭއްވިދާނެތީއެވެ.

ޝެއިހް ޖާސިމްއާއި ރެޓްކްލިފް ވަނީ މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް 3 ފަހަރަށް ބިޑް ހުށަހަޅާފައިއެވެ.

ގޯލް.ކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްބާޕޭގެ އިތުރުން ފްރާންސްއަށް ނިސްބަތްވާ އެހެން ކުޅުންތެރިންނަށްވެސް ޖާސިމްގެ ޝައުގުވެރިކަން ހުއްޓިފައިވެއެވެ. އޭގެ ތެރޭގައި އެޑުއާޑޯ ކަމަވިންގާ އާއި ކިންގްސްލީ ކޮމަން ހިމެނެއެވެ.

މިދިޔަ އަހަރު ވޯލްޑްކަޕްގައި ދެއްކި މޮޅު ކުޅުމަށްފަހު އުމުރުން 24 އަހަރުގެ އެމްބާޕޭއަށް ވަނީ ފްރާންސްގެ ޤައުމީ ޓީމްގެ ކެޕްޓަންކަންވެސް ލިބިފައެވެ. އޭނާ ޕީއެސްޖީއަށް ކުޅެމުންދަނީ ރެއާލް މެޑްރިޑްގެ ހުށަހެޅުމަކަށް އިންކާރު ކުރުމަށްފަހުގައިއެވެ. 2024 ވަނަ އަހަރުގައި އެމްބާޕޭ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވެގެންދާނެއެވެ. އެހެން ނަމަވެސް، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ.

އެންމެ ފަހުގެ ކުޅިވަރުގެ ޚަބަރުތައް ބުނާ ގޮތުގައި ޕީއެސްޖީން ދަނީ އެމްބާޕޭ، ލިޔޮނަލް މެސީ އަދި ނޭމާ ޖޫނިއަރގެ ކޮންޓްރެކްޓްތައް އައު ނުކުރުމުގެ ވިސްނުމެއްވެސް ގެންގުޅެމުންނެވެ.

އަނިޔާގެ ސަބަބުން ރިހެބިލިޓޭޝަންއަށް ކުޅުމާއި ދުރަށް ޖެހިފައިވާ ނޭމާ ޖޫނިއަރ ފިޓްނަސްއަށް ނުބަލާ އުޅުމުގެ ސަބަބުން ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ދަނީ އޭނާ ކްލަބުން ބޭރުކުރުމަށް ގޮވާލަމުންނެވެ. އަދި ހަމައެއާއިއެކު، ޕީއެސްޖީގެ ރުހުމާއި ނުލާ ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހޯމަ ދުވަހުގައި އޮތް ޕްރެކްޓިސްއަށް ހާޒިރު ނުވުމުގެ ސަބަބުން ޕީއެސްޖީން ވަނީ މެސީ ސަސްޕެންޑް ކޮށްފައިއެވެ.

އެހެންވިޔަސް، ޕީއެސްޖީން ބުނީ ޕީއެސްޖީގެ ހެޑްކުއާޓާޒް ބޭރުގައި މި ދެ ކުޅުންތެރިންނާއި ދިމާލަށް އެއްޗެހި ކިޔާފައިވާ ބައެއް ސަޕޯޓަރުންގެ އަމަލުތަކަކީ ބަލައިނުގަނެވޭނެ އަމަލުތަކެއް ކަމަށާއި މިފަދަ ކަންތައްތަކުން ޕީއެސްޖީން އެ ދެ ތަރިންގެ ކަރާމާތަށް އުނިކަމެއް ގެނައުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.