މިސީޒަނުގެ ދިވެހި ޕްރިމިއަރ ލީގު މިއަދު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފިއެވެ.

ޖުމްލަ 8 ޓީމާއެކު ކުރިޔަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ޝެޑިއުލްގައިވާ ގޮތުން އެންމެ ފުރަތަމަ މެޗެއް ކުޅޭނީ މިއަދު ހަވީރެވެ. މި މެޗުގައި ވެލެންސިއާ އާއި ޓީސީ ބައްދަލުކުރާއިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ހޯދި ކުލަބް އީގަލްސްއާއި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސްއެވެ.

މިލީގުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ގްރީން ސްޓްރީޓްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ލީގުގެ ފުރަތަމަ ބުރުގެ މެޗުތަކުގެ ތެރެއިން ކޮންމެ ޓީމެއް ތިން މެޗު ކުޅުމަށްފަހު ސާފް ޗެމްޕިއަންޝިޕަށް ވަގުތު ދިނުމުގެ ގޮތުން މެއި 19 އިން ފެށިގެން ޖުލައި 14ގެ ނިޔަލަށް ލީގު މެދުކަނޑާލާނެއެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން މާޒިޔާއިން ހޯދާފައިވަނީ ބާކީ ދެ މެޗު އޮއްވައި، ކުޅުނު 19 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާއިން ލީގު ކަށަވަރުކުރި އިރު އެ ޓީމާއި އެންމެ ކައިރިން ތާވަލުގެ ދެވަނައިގައި އޮތް ކުލަބް އީގަލްސް އޮތީ 19 މެޗުން 46 ޕޮއިންޓާއެކުއެވެ.

މިއަހަރުގެ ސީޒަނަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން މަސައްކަތް ފެށީ ބޮޑެތި ގޮންޖެހުންތަކާއެކު އެވެ. ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނު ޓީމުތަކުގެ ހާލަތަށް ބަލާއިރު ގިނަ ޓީމުތަކުން މި މުބާރާތުގެ މެޗުތައް ކުޅުނީ މިއަހަރުގެ ސީޒަނަށް ތައްޔާރުވާން ކުޅުނު ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި ކަމަށް ޓީމުތަކުން ބުނެފައިވެއެވެ.