މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިޔަރ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިވްއެސްސީ ހަމަ ޖައްސައިފިއެވެ.

މިއަދު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓުގައި ވާގޮތުން އެމްޑަބްލިވްއެސްސީ ޓައިޓަލް ސްޕޮންސަރަކަށް ހަމަ ޖެއްސީ މި ސީޒަން ނިމެންދެންނެވެ.

މިއީ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ ބޭރުން ލީގުގެ ޓައިޓަލް ސްޕޮންސަރ ހަމަޖެއްސި ފުރަތަމަ ފަހަރުއެވެ. ވޭދުވެދިޔަ ސީޒަން ތަކުގައި ދިވެހި ޕްރިމިޔަރ ލީގުގެ ޓައިޓަލް ސްޕޮންސަރ ނަގާފައިވަނީ ދިރާގާއި އުރީދޫއިންނެވެ.

އަށް ޓީމާއެކު ކުޅޭ ފަހު ލީގަށް މި ސީޒަނުގެ ލީގު ވާއިރު, އެފްއޭއެމް އިން ނިންމާފައިވަނީ އަންނަ ސީޒަނުން ފެށިގެން އަތޮޅު ތެރެއިން ތިން ޓީމާއި މާލޭ ޒޯނުން މި އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއެކު ޖުމުލަ 12 ޓީމު ހޯމް އެންޑް އަވޭ އުސުލުން ލީގު ކުޅުމަށެވެ. މި ނިންމުމާއެކު މިއަހަރުގެ ލީގުގައި ކުޅޭ އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެއެވެ.

ދިވެހި ޕްރިމިޔަރ ލީގު މިއަދު ހަވީރު ފަށާއިރު, ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ވެލެންސިއާ އާއި ޓީސީއެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ހޯދި ކުލަބް އީގަލްސްއާއި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިތާމަ

    ޗާގޯސް މައްސަލައަށް ވުރެ ވަކި ކުޑަމައްސަލައެއް ނޫން މި ފޮޓޯއިން މި ފެންނަނީ، މިކަމުން ސަލާމަތެއް ވެސް ނުވި އަހަރެމެން.