އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިންޓަ މިއާމީއާގުޅުމާއެކު އެ ކްލަބްގެ އިންސްޓަގްރާމް ފޮލޯވަރުން އެތައް ގުނައަކަށް އިތުރުވެއްޖެއެވެ.

ކުރިއަށް އޮތް ސީޒަނުގައި މެސީ ފެންނާނީ އެމެރިކާ ލީގުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މެސީ މިއާމީއާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އިއްޔެގެ ވަގުތެއްގައެވެ.

މެސީ އިންޓަ މިއާމީ އާގުޅުމާ ހިސާބަށް އެކްލަބްގެ އިންސްޓަގްރާމް ފޮލޯވަރުންގެ ގޮތުގައި ތިބީ ގާތްގަނޑަކަށް އެއް މިލިއަން ފޮލޯވަރުންނެވެ. ނަމަވެސް މެސީ ގުޅުމާއެކު އެ އަދަދުވަނީ 4.8 މިލިއަންއަށް އަރާފައެވެ.

އެ ކަލްބްގެ ޓްވީޓަރ ފޮލޯވަރުންގެ އަދަދުވެސް މިހާރުވަނީ ބޮޑުތަނުން އިތުރުވެ، އެ ކްލަބްގެ ސަޕޯޓަރުންވެސް އިތުރުވެފައެވެ. އިންޓަ މިއާމީގެ ފޮލޮވިންގައި ލިއޮނަލް މެސީގެ އިންސްޓަގްރާމް އެކައުންޓް އޮތްނަމަވެސް، މެސީގެ ރަސްމީ އެކައުންޓުން މިހާތަނަށް އިންޓަ މިއާމީ ފޮލޯ ކޮށްފައެއް ނުވެއެވެ.

މެސީ ވަނީ އިންސްޓަގްރާމްގެ ޕޯސްޓަކަށް އެންމެ ގިނަ ލައިކް ހޯދި ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދާފައެވެ.

އުމުރުން 35 އަހަރުގެ މެސީ ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް މަސައްކަތްކުރިއެވެ. އެގޮތުން ބާސާގެ މާލީ ހާލަތާ ގުޅިގެން މެސީއަށް ރަނގަޅު ހުށަހެޅުމެއް ހުށަހެޅިފައި ނުވާ އިރު، އަލް ހިލާލުން މެސީއަށް ބޮޑު މުސާރައެއް ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެ ހުށަހެޅުން މަޑުޖައްސާލައިފައެވެ.

އިންޓަ މަޔާމީން މެސީ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުކުރީ އެ ކްލަބުގެ ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އެޕަލް އާއި އެޑިޑާސްގެ އެހީތެރިކަމާއެކުއެވެ. އެޕަލް ޓީވީ ޕްލަސް އާއި އެޑިޑާސް އިން ވެސް ފައިދާގެ ހިއްސާއެއް މެސީއަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މަހު، 36 އަހަރު ފުރޭ މެސީ އަށް ޕީއެސްޖީން ހުށަހެޅި ކޮންޓްރެކްޓް ގަބޫލުނުކުރަން އޭނާ ނިންމި އެންމެ ބޮޑު ސަބަބަކީ ފަހަކަށް އައިސް އެ ކްލަބްގެ ސަޕޯޓަރުންގެ ބަޔަކުގެ ހަރަކާތްތައް ހުރި ގޮތުންނެވެ. އެ ގޮތުން، މެޗުތަކުގެ ތެރެއިން މެސީއާ ދެކޮޅަށް ގިނަ ސަޕޯޓަރުންތަކެއް އިސްނަގައިގެން ވަނީ އަޑުގަދަކޮށް ހަދައިފަ އެވެ.