ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުން އިންތިޒާމުކޮށްގެން ފ.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ބޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.

"ފެޒްގީ ޕްރެޒިޑެންޓް ކަޕް 2018" ހުޅުވައިދިން މެޗުގައި ބައްދަލުކުރީ ރޯޔަލް އަދި ޖުވެނައިލް ޓީމްއެވެ. ފޯރިގަދަ ކުޅުމަކަށްފަހު ސީދާ ތިން ސެޓުން އެ މެޗު ކާމިޔާބު ކުރީ ރޯޔަލްއެވެ.

މި މުބާރާތުގައި ރާއްޖެއިން ބޭރުގެ ގިނަ ކުޅުންތެރިން ކުޅޭއިރު އޭގެ ތެރޭގައި އަފްޢާނިސްތާން، އިންޑިއާ އަދި ސްރީލަންކާގެ ކުޅުންތެރިން ހިމެނެއެވެ.

މި މުބާރާތަކީ ފީއަލީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމަށް ބޭއްވޭ މުބާރާތެކެވެ.

ފިރިހެން ހަތަރު ޓީމް އަދި އަންހެން ހަތަރު ޓީމާއި އެކު ކުރިއަށްދާ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ފެޒްގީއިން ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން މި މުބާރާތް ފޯރިގަދަކަމާއި އެކު ބާއްވާ ހަތަރު ވަނަ ފަހަރެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަ ކުރުމަށް އަންނަ އަހަރު ބާއްވާ މުބާރާތް މުޅި ރާއްޖެ އަށް ހުޅުވާލާނެ ކަމަށް ފެޒްގީގެ ރައީސް ވިދާޅުވެފައިވެއެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ މުބީން ފައުންޑޭޝަން އަދި މަންދު ކޮލެޖެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އެމްވީއެވެ.