އިނގިރޭސި ކުލަބު ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ސެސާ އަޒްޕްލިކުއެޓާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރިޒިއޯ ރޮމާނޯ ބުނީ އަޒްޕްލިކުއެޓާ ޗެލްސީ ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެހެންވެ، އޭނާ ޖޫން 2025 ގެ ނިޔަލަށް އެތުލެޓިކޯގައި މަޑު ކުރަން ނިންމާފައިވާ ކަމަށް ވެސް ފަބްރިޒިއޯ ރޮމާނޯ ބުންޏެވެ.

އަޒްޕްލިކުއެޓާ ޗެލްސީ ދޫކޮށް ދަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

ޗެލްސީގައި ތިބި ގިނަ ކުޅުންތެރިންތަކެއް އެ ޓީމު ދޫކޮށްލަން ވަނީ ނިންމައިފައެވެ. އެގޮތުން ޗެލްސީގެ ފޯވާޑް ކައި ހަވާޓްސް އާސެނަލް އަށް ބަދަލުވި އިރު، މިޑްފީލްޑަރު މަޓިއޯ ކޮވަސިޗް ވަނީ މެންޗެސްޓާ ސިޓީ އަށް ބަދަލުވެފައެވެ. އަދި މިޑްފީލްޑަރު މޭސަން މައުންޓް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ޖެހިލާފައިވާ އިރު، ޗެލްސީގެ ޑިފެންޑަރު ކަލިޑޫ ކުލިބަލީ ވަނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަށް ބަދަލުވެފައެވެ.

މީގެއިތުރުން މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ސައުދީގެ އަލް އިއްތިހާދަށް ބަދަލުވި އިރު، ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ވަނީ ސައުދީގެ އަލް ހިލާލް އަށް ބަދަލުވެފައެވެ. އަދި ޗެލްސީގައި މުހިންމު ރޯލެއް އަދާކުރި ހަކީމް ޒިޔެޗް ވެސް ވަނީ ސައުދީގެ އަލް ނަސްރަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައެވެ.

ހަމައެއާކު ޗެލްސީގެ މިޑްފީލްޑަރު ރުބެން ލޮފްޓަސް ޗީކް ވަރަށް އަވަހަށް އޭސީ މިލާނަށް ބަދަލުވުމަށް މެޑިކަލް ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކުޅުންތެރިންގެ އިތުރުން ޗެލްސީގައި ތިބި ބައެއް އެހެން ކުޅުންތެރިން ވެސް ބައެއް ކުލަބުތަކަށް ދިއުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

އުމުރުން 33 އަހަރުގެ އަޒްޕިލިކުއެޓާ އަކީ މިހާރު ޗެލްސީގެ ކެޕްޓަންގެ މަގާމުވެސް އަދާ ކުރަމުންދާ ކުޅުންތެރިޔާއެވެ. ޗެލްސީއާ އެކުގައި ހޭދަ ކުރި 11 އަހަރު އޭނާ ވަނީ އެފްއޭ ކަޕް ހަތަރު ފަހަރު، ޕްރިމިއާ ލީގު ދެފަހަރު ހޯދައިފައެވެ. މީގެ އިތުރުން ކުލަބް ވޯލްޑް ކަޕް އެއްފަހަރު، ޗެމްޕިއަންސް ލީގު އެއްފަހަރު އަދި ޔޫރަޕާ ލީގު ދެފަހަރު ހޯދާފައިވެއެވެ. ޗެލްސީއާއި އެކު މުޅި ޖުމުލަ 349 މެޗު ކުޅުނު އިރު 10 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ.

2013 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޑިފެންޑަރު ވަނީ ސްޕެއިން ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ގިނަ މެޗު ތަކެއްގައި ކޮށްދީފައެވެ. ޖުމުލަ 44 މެޗު ގައުމީ ޓީމަށް ކުޅެދިން އިރު، އެއް ގޯލު ވަނީ ކާމިޔާބުކޮށްދީފައެވެ.