އާސެނަލް، ބާސެލޯނާ އަދި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު, ސެސް ފެބްރިގާސް ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމި ކަން އިއުލާންކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 36 އަހަރު ފެބްރިގާސް ދެން ފެނިގެން ދާނީ ކޯޗިން ދާއިރާއިންނެވެ. ފެބްރިގާސް ވަނީ ސްޕެއިނާއެކު ވޯލްޑް ކަޕް، ޗެލްސީގައި ދެ ފަހަރު ޕްރިމިއާ ލީގު އަދި ބާސެލޯނާއާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

އޭނާ ކެރިއަރު ނިންމާލަނީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކޮމޯއާ ގައި ކުޅުމަށްފަހުއެވެ. ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީނަމަވެސް، އޭނާ ކުޅުން ހުއްޓާލަނީ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީހެވެ. ފެބްރިގާސްގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުޓުބޯޅަ ކުޅުން ހުއްޓާލާ ވަގުތު ޖެހިއްޖެކަމަށެވެ. އަދި ކުލަބު ކެރިއަރުގައި ކުޅުނު ހުރިހާ ޓީމެއްގެ ހަނދާންތައް އަބަދުވެސް ހުންނާނެ ކަމަށެވެ.

ފެބްރިގާސްގެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ ވޯލްޑް ކަޕުން ފެށިގެން ގޮސް ޔޫރަޕުގެ މުބާރާތްތަކާއި އިންގްލެންޑާއި ސްޕެއިންގައި ހޯދި ކާމިޔާބީތަކަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ކާމިޔާބީތަކެއް ނޫންކަމަށެވެ. ފެބްރިގާސް ވަނީ ސްޕެއިނަށް 110 މެޗު ކުޅެދީ، 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ވެސް ސްޕެއިން އާއެކު ކާމިޔާބުކޮށްފައެވެ.

އުމުރުން 10 އަހަރުގައި ފެބްރިގާސް ބާސާގެ ލާ މާސިއާ އެކަޑަމީއާ ގުޅުނީ 1997 ވަނަ އަހަރުއެވެ. ސްޕެނިޝް ލީގުގެ އެންމެ ކާމިޔާބު އެއް ޓީމުގެ ޔޫތު ސެޓްއަޕްގެ ތެރެއިން ކުރިއެރުން ހޯދާފައިވާ އޭނާ ވަނީ ޕްރިމިއާ ލީގުގައި 212 މެޗު ކުޅެ، 2004 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ދެމެދު އާސެނަލްއާއެކު އެފްއޭ ކަޕް ކާމިޔާބުކޮށް އަލުން ބާސެލޯނާއަށް ބަދަލުވެފައެވެ.

ބާސާގައި ތިން އަހަރު ހޭދަކުރުމަށް ފަހު 2014 ވަނަ އަހަރު ޕްރިމިއާ ލީގަށް އެނބުރި އައިސް، އޭނާ ގުޅުނީ ޗެލްސީއާއެވެ. މޮނާކޯއާއެކު ތިން އަހަރު ތެރޭ 68 މެޗު ކުޅެފައިވާއިރު، ކޯމޯއަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުމުގެ ވަގުތު ހުރީ އަނިޔާގެ ސަބަބުން މަދުކޮށެވެ. މުޅި ސީނިއަރ ކެރިއަރުގައި ކުލަބް ތަކަށް ޖުމުލަ 518 މެޗު ކުޅެދިން އިރު، 81 ގޯލު ވަނީ ޖަހާފައެވެ.