ޅ. އޮޅުވެލިފުށީގައި ބާއްވާ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "ކޮޕަރ ރޭމެންސް 2023" ގެ ފުރަތަމަ މެޗު ފަސޭހަ ކަމާއި އެކު ބީޖޭ ސިޓީން ކާމިޔާބުކޮށްފިއެވެ.

މިއަދު އޮޅުވެލިފުށި ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު ބީޖޭ ސިޓީން އިދިކޮޅު އެފްޓީ ބަލިކޮށްފައި ވަނީ 2-5ގެ ނަތީޖާއަކުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މި މުބާރާތް މިއަދު ފެށި އިރު، މި މުބާރާތަށް އޮޅުވެލިފުށިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އޮޅުވެލިފުށި "ގޯލްސް" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން 2010 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މިހާތަނަށް ވަނީ ޖުމުލަ އަށް ފަހަރު ބާއްވާފައެވެ. މިފަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަކުރެއެވެ.

ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ މެޗުގައި ބީޖޭ ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާލާފައެވެ. އިދިކޮޅު އެފްޓީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެށް އަމާޒުކުރަމުން ދިޔައިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ބީޖޭ ސިޓީގެ އަހުމަދު ނަދީމް ވަނީ ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. ބީޖޭ ސިޓީގެ އިތުރު ގޯލުތަށް ކާމިޔާބުކޮށް ދިނީ މުހައްމަދު ސުހައިލް އާއި އަބުލް މަޖީދު އަބްދުލް ބާރީގެ އިތުރުން މުހައްމަދު އަޖްވަދުއެވެ.

ބީޖޭ ސިޓީގެ ފަރާތުން ދައްކަމުން ދިޔަ މޮޅު ކުޅުމަށް ރައްދު ދިނުމަށް އިދިކޮޅު އެފްޓީން ގެންދިޔައީ ހަމަލާތަށް ގިނަ ކުރަމުންނެވެ. ގޯލެށް ކާމިޔާބު ކުރަން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ކާމިޔާބު ކުރެވުނީ ދެ ހަމަލާއެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށް ދިނީ ހުސައިން ނަދީމް އާއި އިބްރާހިމް އިމްތިޔާޒުއެވެ.

މި މުބާރާތުގައި މާދަމާ ވާދަކުރާނީ ޔަންގް ސްޓާސް އާއި ކާފަ ޓީމުއެވެ. މިއީ ގުރޫޕު ބީގެ ފުރަތަމަ މެޗުއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. އަދި ރަނަރަޕް ޓީމަށް 10،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަށް 5،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި ޓީމް އޮފް ދި ޓޯނަމެންޓުވެސް ހޮވާނެއެވެ. މި މުބާރާތުގެ ޗެމްޕިއަން، ރަނަރަޕް އަދި ފެއާޕުލޭ ޓީމަށް ދޭ ފައިސާގެ އިނާމަކީ އޮޅުވެލިފުށި ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަނީ އަބްދުލް ހަކީމް ދެއްވާ އިނާމެވެ.