އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރަން ގޮވާލައި "ސޭވް އެފްއޭއެމް" ގެ ނަމުގައި ކެމްޕޭނެށް ރޭ ފަށައިފިއެވެ.

ރޭ ޝީ ބިލްޑިންގުގައި ފެށި މި ކެމްޕޭނުގައި ކުރީގެ ކުޅުންތެރިންނާއި ފުޓުބޯޅައިގެ ތަޖުރިބާ ކާރުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ލީޑް ކުރައްވަން، ކުރީގެ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ) ވަނީ އިސްނަންގަވާފައެވެ.

"ސޭވް އެފްއޭއެމް" ކޭމްޕޭން ރަސްމީކޮށް ފެށުން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

"ސޭވް އެފްއޭއެމް" ކެމްޕެއިން ވުޖޫދުވީ ދާދި ފަހުން އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓައި، އެފްއޭއެމްގެ ހިންގުން ގޯސް ފައްތަރެއްގައި އޮވެ، ދިވެހި ފުޓްބޯޅަ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިފައިވާ މަންޒަރު ފެންނަމުންދާތީއެވެ.

ރޭ ބޭއްވި އިވެންޓްގައި "ސޭވް އެފްއޭއެމް" ގެ ލޯގޯ ޖެހި ޓީޝާޓް ލައިގެން ކުރިން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނާއި ފުޓްބޯޅަ ކްލަބްތަކުގެ ހިންގުންތެރިންގެ އިތުރުން މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ. ރޭގެ އިވެންޓްގައި ވާހަކަ ދެއްކެވި ފަރާތްތަކަށް ބަލާއިރު، ދިވެހި ފުޓްބޯޅައިގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ހާމިދު އަބްދުލް ގަފޫރު އާއި ނިއު ރޭޑިއަންޓްގެ މެނޭޖްމަންޓުގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ކުރީގެ ކުޅުންތެރިޔާ، އަންވަރު އަލީ ވެސް ހިމެނެ އެވެ.

"ސޭވް އެފްއޭއެމް" ކޭމްޕޭން ރަސްމީކޮށް ފެށުން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އާންމު ބައިވެރިންނަށް ހުޅުވާލި ފުރުސަތުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރީގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ، 2019 އަހަރު "ފުޓްބޯލް ފްރެންޑްސް" ކިޔާ ވައިބާ ގުރޫޕެއްގައި ފުޓްބޯޅަ ބަދަލުކުރަން ޖެހޭކަން ފާހަގަކޮށް ވާހަކަ ދެއްކި ބައެއް މީހުންނަށް އެފްއޭއެމުން ހުށަހެޅި މަގާމުތަކާ އެކު އޭރު ދެއްކި ވާހަކަތައް ހިނދިގެން ދިޔަ ކަމަށެވެ.

މިކަމަށް އިޝާރަތް ކުރައްވާ "ސޭވް އެފްއޭއެމް" އިވެންޓްގައި އިސްކޮށް ހަރަކާތްތެރިވާ އާމިރު، ރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން ބުނީ އޭނާ އަކީ "ވިކޭނެ" މީހެއް ނޫން ކަމަށާއި އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ވަނީ އެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ދިނުމަށް ސްޓިއަރިން ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    އަހަރެން ތިކަމަށް ތާއީދު

  2. ޙެހެހ

    ސިޔާސީ މީހުން ލާންވީ ގިނައިން ، އަނެއްކާ ތިމީހުން ގޯސްވެގެނ ްމާދަމާ ބަޔަކު ނުކުންނާނެ ، ނިމުމެއް ނޯންނާނެ ، ތިއޮތީ ހުރިހާ ކަމެއް މިނިވަންވެފަ

  3. ކޮމެންޓޭ

    ހާމިދު ތިތަނުން ބޭރުކުރޭ