ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވިއިރު، ބްރައިޓަން ބަލިވެއްޖެއެވެ.

އޮސްޓްރިއާގެ ލާސްކް އަތުން ފަހަތުންއަރައި 3-1 އިން ލިވަޕޫލް މޮޅުވިއިރު، އަމިއްލަ ދަނޑުގައި ސާބިއާގެ ބެކާ ޓޮޕޯލާ އަތުން ފަހަތުންއަރައި ވެސްޓް ހޭމް މޮޅުވީ ވެސް ހަމަ 3-1 އިންނެވެ. ބްރައިޓަންގެ ދަނޑުގައި 2-3 އިން ވަނީ ގްރީސްގެ އޭއީކޭ އެތެންސް އަތުން ބަލިވެފައެވެ.

ލާސްކްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ގިނަ ބަދަލުތަކާއެކު ނިކުތް ލިވަޕޫލް ކޮޅަށް އެ ޓީމުން ވައްދާލި ހަމައެކަނި ލަނޑު، 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްލޮރިއަން ފްލެކާ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް އެއްވަރުކޮށްދިނީ އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލިވަޕޫލްގެ ލުއިސް ޑިއާޒް އަށް ލާސްކްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ސާބިއާގެ ބެކާ ޓޮޕޯލާއާ ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އޭގެ ހަތް މިނެޓުފަހުން، ލިވަޕޫލުން ފުރަތަމަ ފަހަރަށް ލީޑްނެގި ލަނޑުޖަހައިދިނީ ޑިއާޒް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އެ ޓީމުގެ ހޮލެންޑް މިޑްފީލްޑަރު، ރަޔާން ގްރަވެންބާކް އެވެ. އަދި އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެވެ. އޭނާ މި ލަނޑުޖެހީ ނޫނޭޒް ދިން ބޯޅައަކުންނެވެ.

އެންމެ ފަހުގެ ޔުރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި މި ފަހަރުގެ ޔުރޮޕާ ލީގުގައި ވާދަކުރާ ވެސްޓް ހޭމް ކޮޅަށް ސާބިއާގެ ބެކާ ޓޮޕޯލާ އިން ލަނޑުޖެހީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގެ ތެރޭގައެވެ. ވެސްޓް ހޭމުން އެއްވަރުކުރި ލަނޑަކީ 66 ވަނަ މިނެޓުގައި ބެކާ ޓޮޕޯލާގެ ނިމެންޔާ ޕެޓްރޮވިޗް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ވެސްޓް ހޭމުން އެއްވަރުކުރިތާ ހަތަރު މިނެޓުގެ ތެރޭގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ދާދިފަހުން އެ ޓީމަށް ބަދަލުވި ގާނާގެ މުޙައްމަދު ކުޑޫސް އެވެ. މިއީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު، ޖޭމްސް ވޯޑް-ޕްރައުސް ނެގި ކޯނަރެއްގެ އެހީގައި ކުޑޫސް ޖެހި ގޯލެކެވެ. އަދި އޭގެފަހުން، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ތޯމަސް ސޫޗެކް ވަނީ ވެސްޓް ހޭމްގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. އޭނާ މި ލަނޑުޖެހީ ވެސް ވޯޑް-ޕްރައުސް ނެގި ކޯނަރަކުންނެވެ.

ޔޫރަޕްގެ މުބާރާތެއްގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ބްރައިޓަންގެ ދަނޑުގައި ރޭ ގްރީސްގެ އެއީކޭ އެތެންސް އަތުން ބަލިވިއިރު، ރޭގެ މެޗުގައި ކުރީން ލީޑްނެގީ ވެސް އެތެންސް އެވެ. ރޭގެ މެޗުގައި އެތެންސްގެ ލަނޑުތައް ޖަހައިދިނީ ޖިބްރީލް ސިޑީބޭ އާއި މިޔަޓް ގަސިނޮވިޗް އަދި އެޒެކީލް ޕޮންސް އެވެ. ބްރައިޓަންގެ ދެ ލަނޑުވެސް ޖެހީ ޖޮއާއޯ ޕެޑްރޯ އެވެ. މި ދެ ގޯލްވެސް ޖެހީ ޕެނަލްޓީންނެވެ.