އޮސްޓްރޭލިއާގެ ލެޖެންޑަރީ ފޯވަޑް ޓިމް ކޭހިލް، އިންޑިއާ ސުޕަ ލީގުގެ ކްލަބެއް ކަމަށްވާ ޖަމްޝެޑްޕޫރަށް ސޮއިކޮށްފިއެވެ.

އުމުރުން 38 އަހަރުގެ ކޭހިލްއަކީ މިހާތަނަށް އޮސްޓްރޭލިއާ ގައުމީ ޓީމަށްވެސް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިިޔާއެވެ. އޮސްޓްރޭލިއާ ގައުމީ ޓީމަށް 50 ގޯލް ޖަހައިދީފައިވާ ކޭހިލް ވަނީ ހަތަރު ވޯލްޑް ކަޕެއްގައި ގައުމީ ޓީމު ތަމްސީލުކޮށްދީފައެވެ. އަދި ގައުމީ ޓީމުން ރިޓަޔާ ކޮށްފައި ވަނީ މިއަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ފަހުގައެވެ.

ކޭހިލް ޖަމްޝެޑްޕޫރަށް ސޮއިކުރިކަން ކްލަބުން ކަށަވަރުކޮށްދީފައިވާ އިރު، ކްލަބުން ބުނެފައި ވަނީ ކޭހިލް ފަދަ ލެޖެންޑެއް ޓީމާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޔޫރަޕްގެ ކްލަބުތަކުގައިވެސް ވިދާލި ކޭހިލް ކެރިއަރު ފެށީ އިންގްލެންޑްގެ މިލްވޯލްއިންނެވެ. އޭނާ އެ ކްލަބަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ އިރު، 2004 ވަނަ އަހަރު ވަނީ ޕްރިމިއާ ލީގުގެ އެވަޓަންއަށް ބަދަލުވެފައެވެ. އެވަޓަންއާއެކު ކުޅުނު 226 މެޗުން 50 ގޯލް ކޭހިލް ޖަހާފައިވާ އިރު، އޭނާއަކީ އެވަޓަންގައި ވިދާލި ކުޅުންތެރިއެކެވެ.

އޭގެ ފަހުން އެމެރިކާ ލީގުގެ ނިއުޔޯކް ރެޑްބުލްގެ އިތުރުން ޗައިނާ ލީގަށްވެސް ކުޅެފައިވާ ކޭހިލް އެންމެފަހުންވެސް ކުޅެފައި ވަނީ އޭނާގެ ފުރަތަމަ ކްލަބު މިލްވޯލްއަށެވެ.

އިންޑިއާ ސުޕަލީގުގެ ޖަމްޝެޑްޕޫރަށް ސޮއިކުރުމަށްފަހު ކޭހިލް ބުނެފައި ވަނީ އިންޑިއާގެ ކްލަބަކަށް ސޮއުކުރެވުމަކީ ވަރަށް އުފާވި ކަމެއް ކަމަށާއި، އޭނާގެ ހުނާރު ތަޖުރިބާގެ އަލީގައި ކުޅުމަށް ކުރިއެރުންތަކެއް ހޯދައިދޭން ތައްޔާރު ކަމަށެވެ. އަދި އޭނާގެ އަބަދުވެސް ހުވަފެނަކީ އާ ޖީލުތައް ފުޓުބޯޅައަށް ވެއްދުން ކަމަށާއި، އާ ކްލަބާއެކުވެސް އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ކޭހިލް ބުންޏެވެ.

ކޯޗިންގެ ޔޫއެފާ ބީ ލައިސަންސްވެސް އޮންނަ ކޭހިލް ޖަމްޝެޑްޕޫރުގެ ކުޅުންތެރިންނާ ގުޅޭނީ އެ ކްލަބުން ސްޕެއިންގައި ކުރިއަށް ގެންދާ ޕްރި ސީޒަން ކޭމްޕްގެ ތެރެއިންނެވެ.