ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

މިއީ ރެއާލްއިން ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދަތުރުކުރި 27 ވަނަ ފަހަރެވެ. އެއީ ރެކޯޑެކެވެ.

ރެއާލުން މި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ސީގައި ޕޯޗުގަލްގެ ސްޕޯޓިން ބްރާގާއާ ދެކޮޅަށް ރޭ ބައްދަލުކުރި މެޗު 3-0އިން ކާމިޔާބު ކޮށްގެންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ބްރާގާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. ނަމަވެސް މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ބްރާގާއަށެވެ.

ރެއާލްއިން ރޭ ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓުގައި ބްރާގާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އަލްވާރޯ ޖާލޯ ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ. ފުރަތަމަ ފަސް ވަރަކަށް މިނެޓުގައި ބްރާގާއިން ނުރައްކާކުރި ނަމަވެސް، ހާފު ނިމުމުގެ ކުރިން ރެއާލްއިން ލީޑު ނެގިއެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ރޮޑްރިގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލަށް ލީޑު ނަގައިދިނީ ބްރަހީމް ޑިއާޒެވެ.

ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓްގައި ވަޒްކޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. އަދި، އެ ޓީމުގެ ފަހު ލަނޑު އޭގެ ތިން މިނެޓު ފަހުން ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ ރޮޑްރިގޯއެވެ. މި މެޗު ކާމިޔާބުކޮށް އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓާއެކުގައެވެ. ނަޕޯލީ އެ ގްރޫޕްގެ ދެވަނައިގައި އޮތް އިރު، ބްރާގާ އޮތީ ތިންވަނައިގައެވެ.

ރެއާލަކީ މި މުބާރާތުގައި އެންމެ ކާމިޔާބު ޓީމު ވެސް މެއެވެ. ރެއާލުން ވަނީ ޖުމުލަ 14 ފަހަރު މި މުބާރާތް ކާމިޔާބުކޮށް ރެކޯޑް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާބޫ

    ރެއާލުން ރެކޯޑު ހެދީ އަދީ 14 ފަހަރު ޗެންޕިއަންކަން ނެގީ ނުފޫޒުން ރެފްރީން ގަނެގެން. ޕެނާލްޑޯމެން، ގެރި ރާމޯސްމެން ރެސްލިން ތަޅައިގެން. އެގޮތުން ލިވަރޕޫލް ބަލިކޮށް ތަށިނެގީ ސަލާޙް އޮޅުއަޅުވާ ވައްޓާލާ ކޮނޑުހުޅު ދުއްވާލައިގެން. މިގޮތައް އެތައްކަމެއް ކިޔާލަފާނަން.

    4
    4
    • ާޒަމީރު

      ޢަސަރެއް ކޮއްފިތާ....!!!! އަސަރެއް ކުރާނީ

      1
      1