ބަންގްލަދޭޝްގެ ޑާކާއިން:

ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުގެ ތެރޭގައި މައްސަލަތައް އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫނެވެ. މައްސަލަތައް އުޅުނު ނަމަވެސް، ގިނަ ފަހަރަށް އެ އިދާރާތަކުން މައްސަލަތަކަށް ހައްލު ހޯދައެވެ. އިދާރާތަކުގެ މައްސަލަތައް މާ ގޯސްވެއްޖެ ނަމަ، ދެން ފެންނާނީ ފީފާގެ "ވަރުގަދަ" ނިންމުން ނިންމާ ތަނެވެ.

ފަހުގެ ތާރީހުގައި ދެކުނު އޭޝިއާއިން އެންމެ ފާހަގަވެގެންދިޔައީ ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަން (ޕީއެފްއެފް)ގެ މައްސަލަތަކެވެ. އެ މައްސަލަތަކާ ގުޅިގެން މިދިޔަ މަހާ ހަމައަށް ޕާކިސްތާނުގައި ފުޓްބޯޅައިގެ ހަރަކާތެއް ނުހިންގި ގިނަ އަހަރުތަކެއް ހޭދަކުރަން ޖެހުނެވެ. ފުޓްބޯޅައަށް ގެއްލުވިއެވެ. ކުޅުންތެރިންނާއި ކޯޗުން އުންމީދުނުކުރާހާ ވަރަށް ކަންތައް ދިޔައެވެ.

ޕާކިސްތާން ފުޓްބޯޅައިގެ މައްސަލަތަކުގެ ފެށުމާއި ފީފާގެ ސަސްޕެންޝަން!

އެ މައްސަލަތައް ފެށިގެން ދިޔައީ ޖޫން 2015ގައި ބޭއްވި ޕީއެފްއެފްގެ އިންތިހާބަށް ފަހުއެވެ. ގިނަ އަހަރުތަކެއް ވަންދެން އެ ފެޑެރޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މަހްދޫމް ސައީދު ފައިސަލް ސަލާހް ހަޔާތު، އަލުން މަގާމަށް އިންތިހާބުވީ ވޯޓު އޮޅުވާލައިގެން ކަމަށް ތުހުމަތު ކުރެވުނެވެ. އެ ހިސާބުން ދެ ފެކްޝަނަކަށް ޕީއެއެފްއެފް ބައިބައި ވެގެންދިޔައެވެ.

އެ މައްސަލަގަނޑުގެ ތެރެއިން ލާހޯރް ހައި ކޯޓުގެ ހުކުމެއް އައެވެ. ދެ ފެކްޝަންގެ މައްސަލަތަކަށް ހައްލެއް ހޯދެންދެން ފުޓްބޯޅަ ހަރަކާތްތައް ހިންގުމަށް އަސަދު މުނީރުއާ އެ ކޯޓުން ހަވާލުކުރިއެވެ. ނަމަވެސް "އެގޮތް ފީފާއަށް ކަމަކު ނުދިޔަ" އެވެ. ފީފާއިން ނިންމީ ޕާކިސްތާން ސަސްޕެންޑްކޮށް، އެ މައްސަލައަށް ހައްލު ހޯދުމަށް ދެ އަހަރު ދުވަހުގެ މުހުލަތެއް ދިނުމަށެވެ.

ފީފާއިން ސަސްޕެންޝަން އުވާލީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. މިހާރުވެސް ޕާކިސްތާން ފެޑެރޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވީ 2003 ވަނަ އަހަރުން ފެށިގެން މަގާމުގައި ހުންނެވި މަހްދޫމް ސައީދު ފައިސަލް ސަލާހް ހަޔާތެވެ.

ސާފް ސުޒުކީ ކަޕް 2018ގައި ޕާކިސްތާނާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ސާފް ސުޒުކީ ކަޕް / ޓުވިޓާ

ޕާކިސްތާނުން ތިން އަހަރު ދުވަހު ފުޓްބޯޅައާ ދުރުގައި!

އެ މައްސަލަތައް ފެށުނު ހިސާބުން ޕާކިސްތާނުން ފުޓްބޯޅައިގެ ހަރަކާތެއް ފެނިގެން ގޮސްފައެއް ނުވެއެވެ. 2004 ވަނަ އަހަރުން ފެށިގެން ކުރިއަށްދިޔަ ޕާކިސްތާން ޕްރިމިއާ ލީގު ހުއްޓުމަކަށް އައެވެ. މެޗުތައް ކުރިއަކަށް ނުދިޔައެވެ.

އެ ހިސާބުން ކުޅުންތެރިންނާއި ކޯޗުން "މަގުމަތިވި" އެވެ. ކުރާނޭ ކޮންމެވެސް އެހެން މަސައްކަތެއް ހޯދަން ޖެހުނެވެ. އެހެން ގައުމުތަކުގެ ކްލަބަކުން ޖާގައެއް ލިބޭތޯ އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. ޕާކިސްތާނުގެ ރެފްރީންނަށް ވެސް ހަމަ އެހާލެވެ. ޕާކިސްތާން ގައުމީ ޓީމުން ވެސް މިދިޔަ މަހާ ހަމައަށް އެންމެ ފަހުން މެޗެއް ކުޅުނީ 2015 ވަނަ އަހަރެވެ.

ތިން އަހަރަށްފަހު ޕާކިސްތާން ފުޓްބޯޅައަށް އާ އުންމީދެއް!

ފުޓްބޯޅަ ހަރަކާތްތައް ކުރިއަށް ދަނިކޮށް، ކުއްލިއަކަށް އެކަން ހުއްޓުމަކަށް އަތުވެއްޖެނަމަ އެކަމެއް ދިމާވި ގައުމަކަށް އޭގެ އަސަރުކުރާނެއެވެ. ހާއްސަކޮށް އެކަން ފާހަގަވާނީ ބައިނަލްއަގުވާމީ ނުވަތަ ސަރަހައްދީ ފެންވަރުގައި ކުޅޭ މުބާރާތްތަކުންނެވެ.

ތިން އަހަރަށްފަހު ޕާކިސްތާނުން ކުރިމަތިލި ފުރަތަމަ މުބާރާތަކީ މިހާރު ބަނގުލަދޭޝްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕް 2018 އެވެ. މައްސަލަތަކުގެ ސަބަބުން 2015ގެ ސާފް ސުޒުކީ ކަޕް ފެށުމުގެ ކުރިން ނަން ނެގި ޕާކިސްތާން، މިއަހަރުގެ މުބާރާތުގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ބަނގުލަދޭޝްއާއި ބޫޓާން އަދި ނޭޕާލްއާ އެއް ގްރޫޕެއްގައެވެ.

މިއަހަރުގެ މުބާރާތުގައި ޕާކިސްތާނުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ތަޖުރިބާކާރު ކޯޗު، ބްރެޒިލަށް އުފަން އުމުރުން 52 އަހަރުގެ ހޯސޭ އެންޓޯނިއޯ ނޮގޭރާއެވެ. އޭނާ އަކީ ސައުދީ އަރަބިއްޔާގެ އަލް އަހުލީއާއި ސިއެރާ ލިއޯންއަށް އިރުޝާދު ދިން ކޯޗެކެވެ.

ސާފް ސުޒުކީ ކަޕް 2018ގައި ޕާކިސްތާނާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ސާފް ސުޒުކީ ކަޕް / ޓުވިޓާ

"އަހަރެން އަތުގައި ރަނގަޅު ޕްލޭންއެއް އެބައޮތް. ޕާކިސްތާނުގެ ފުޓްބޯޅަ ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް. ފުޓްބޯޅަ ހުއްޓިގެން ދިޔަތާ ވަރަށް ދުވަސްވެއްޖެ. ދެން އަހަރެމެން ޖެހޭނީ އަލުން ފަށަން،" ޕާކިސްތާނުގެ ކޯޗު ނޮގޭރާ ބުންޏެވެ.

ނޮގޭރާ ބުނި ގޮތުގައި ޕާކިސްތާނުގައި ހޭދަކުރާ ތިން އަހަރުގެ ތެރޭގައި އޭނާގެ މަސައްކަތަކަށް ވާނީ އެގައުމުގެ ފުޓްބޯޅަ ތަރައްގީކޮށް، އެގައުމުގެ ޒުވާން ކުޅުންތެރިންނަކީ އޭޝިއާގައި ވަރުގަދަ ކުޅުންތެރިންނަށް ހެދުމެވެ.

ޕާކިސްތާނުން ސާފް ސުޒުކީ ކަޕް ފެށީ ވެސް މޮޅަކާއެކުއެވެ. ޔޫރަޕްގެ ތަޖުރިބާ ހުރި ކުޅުންތެރިންނާއެކު ކުޅެމުންދާ ޕާކިސްތާނު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. ނޭޕާލަކީ ވެސް މިހާރު ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގައުމެކެވެ.

ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަންގެ ތެރޭގައި މައްސަލަތައް އުފެދިގެން އުޅުނުއިރު އެގައުމުގައި ވެސް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އުޅުނުކަން ފެނިގެންދިޔައެވެ. އެގޮތުން އެ ދުވަސްވަރު މިހާރުގެ ކުޅުންތެރިންނާއި، ކުރީގެ ކުޅުންތެރިންނާއި، ކޯޗުން އަދި ރެފްރީންތަކެއް ވަނީ މުޒާހަރާއަކަށް ވެސް ނުކުމެފައެވެ.

ތިން އަހަރަށްފަހު މިއަދު އެމީހުން ވެސް ބޭނުންވަނީ ޕާކިސްތާނު ފުޓްބޯޅައަށް ކުރިއެރުން ލިބުމެވެ. ދެކުނު އޭޝިއާގެ ގަދަ ބާރަކަށް ވުމަށެވެ. ސާފް ސުޒުކީ ކަޕުން އެ މަންޒަރު ބަލަން އެމީހުން ބޭނުންވެއެވެ.