ގައުމީ ޓީމަކީ ވަކި މީހެއްގެ ޓީމެއް ނޫނެވެ. ރަމްޒުކޮށްދެނީ ހުރިހާ ދިވެހިންނެވެ. މުޅި ދިވެހި ރާއްޖެއެވެ. ޓީމުގެ ކޮންމެެ ކުޅުންތެރިއަކީ ދިވެހި އާއިލާއަކަށް ނިސްބަތްވާ ދިވެހި ދަރިއެކެވެ. އެ ޓީމު ފެއިލް ވުމަށް އެދުމަކީ، ދިވެހިން އަމިއްލައަށް ފެއިލްވުމަށް އެދުމެވެ.

ގައުމީ ޓީމަށް ކޮންމެ ހާލަތެއް ދިމާވި ނަމަވެސ،ް ގައުމީ ޓީމަކީ ދިވެހިންނެވެ. ބަލިވެއްޖެނަމަ އެ ބަލިވަނީވެސް ދިވެހިންނެވެ. މޮޅު ވެއްޖެނަމަ، ރީތި ނަމާ ޝަރަފުވެސް ލިބޭނީ ހަމަ ދިވެހިންނަށެވެ. މިވާހަކަތައް ދައްކަން ޖެހުނު ސަބަބަކީ ދިވެހި ޓީމު ބަލިވުމަށް ބައެއް ދިވެހިން އެދޭތީ މީސްމީޑިއާއާ އެހެނިހެން ގޮތްގޮތުންވެސް ފެންނާތީއެވެ. މިއަދު ރާއްޖޭގެ ފުޓުބޯޅަ ޓީމަށް ބަދު ބަސް ބުނާ ބަޔަކު މަދުން ނަމަވެސް، ފެންނާތީއެވެ.

ގައުމީ ކޯޗުކަމާ ޕީޓާ ސެގަޓް ހަވާލުވުމަށްފަހު ފުރަތަމަ މެޗަކަށް ނުކުތީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ރާއްޖޭގެ ކެޕްޓަނަކަށް ހުރީ، ގައުމު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެހެން ނަމަވެސް، އެ މެޗު ޕްރެސްއަށް ދާން އިންކާރު ކުރުމުން ކޯޗު ވަނީ ދަގަނޑޭ ޓީމުން ވަކިކޮށްފައެވެ. އެހިސާބުން ގިނަ ދިވެހިންގެ ނުރުހުން ކޯޗަށް އަމާޒުވާން ފެށިއެވެ.

އެ ނުރުހުމުގެ ސިލްސިލާ ދެމިގެން ދިޔައީ ސާފް ޗެމްޕިއަންޝިޕަށް ދަގަނޑޭ އަންނަން ހުއްޓާވެސް، ދަގަނޑޭ ޓީމަށް ނުނެގުމުންނެވެ. ދަގަނޑޭގެ އުމުރަކީ ކޯޗަށް އެއް ސަބަބަކަށްވީ އިރު، އޭނާގެ އިތުރު ސަބަބުތައްވެސް ހުއްޓެވެ. އަބަދުވެސް ބުނަމުން އައީ ޓީމަށް 100 ޕަސެންޓް ދޭ ކުޅުންތެރިއެއްގެ ވާހަކައިގެ އިތުރުން ޑިސިޕްލިންގެ ވާހަކައެއް އެފަހަރުވެސް ކޯޗު ދެއްކިއެވެ.

ފޮޓޯ/ ދަގަނޑޭ ޓްވިޓާ

ކޮންމެއަކަސް، ކޯޗު ބުނީ ފަހަކަށް އައިސް ދަގަނޑޭ ގައުމީ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ނުދައްކާ ކަމަށެވެ. އަދި މި ފަހަރުގެ ސްކޮޑަށް ދަގަނޑޭ ނަގަން އުޅުނު ނަމަވެސް، ދަގަނޑޭ މާފަށް އެދުނުލެއް ލަސްވީ ކަމަށްވެސް ކޯޗުގެ ވާހަކައިގައި އޭނާ ބުނެފައިވެއެވެ. ދަގަނޑޭގެ މައްސަލައިގައި ކޯޗުގެ ތަފާތު ވާހަކަތަކެއް އެބައޮތެވެ. އެކަމާ ކޯޗު ދެކެ އެތައް ބަޔަކު ރުޅި އައިކަމީ ޔަގީން ކަމެކެވެ. ޝައްކެއް ނެތެވެ. ދަގަނޑޭއަކީ ދިވެހިން އެންމެ ލޯބިވާ ޝަހުސިއްޔަތެވެ. ދިވެހި ގައުމުގެ، ދިވެހި ފުޓުބޯޅައިގެ ރަމްޒެކެވެ.

ދަގަނޑޭ ނުލާ މުބާރާތަށް އައުމަކީ އެންމެންވެސް ދެރަވާ ކަމެކެވެ. ގައުމުގެ ފުޓުބޯޅަ ޓީމު ތަމްސީލުކުރަން ދަގަނޑޭ ވަރުގެ ކުޅުންތެރިއަކު އަދިވެސް ދިވެހިރާއްޖެއަކު ނެތެވެ. ގައުމީ ޓީމަށް ދަގަނޑޭ ކޮށްދިން ބުރަ މަސައްކަތަށް ތާ އަބަދު ދިވެހިން ފަހުރުވެރިވާން ޖެހެއެވެ. ޝުކުރުވެސް އަދާކުރަން ޖެހެއެވެ. އެކަމަކު މި ފަހަރު ކޯޗު ވިސްނުން ހުރީ ދަގަނޑޭ ނުލާ މުބާރާތަށް އައުމަށެވެ.

އެ ވިސްނުމަކީ އެންމެ ގަބޫލުކުރެވޭ ވިސްނުން ނޫން ނަމަވެސް، ގައުމީ ޓީމަށް ކަން ވަމުންދަނީ އެންމެ އެދެވޭ ގޮތަށް ނޫން ނަމަވެސް، ގައުމީ ޓީމަށް ދޭ ލޯތްބާ، ހިތްވަރު، ނުދީ ހުއްޓާލުން މިއީ އެންމެ އެދެވޭ ޖަވާބުތޯއެވެ. މިއަދު ގައުމީ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިއަކަށް، ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން ދޭން ޖެހޭ ލޯބި ނުދިނުމަކީ ހިތް ނުތަވަސްވުމަށް އޮތް ހައްލުތޯއެވެ.

ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި ލަންކާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮންމެ ކޯޗެއް ހުއްޓަސް، ކޮންމެ ވެރިއަކު ހުއްޓަސް، ގައުމީ ޓީމަށް ކުޅެނީ، ލޮބުވެތި ދިވެހި ދަރިންތަކެކެވެ. ދިވެހި ޓީމަށް އެ ކުޅުންތެރިން ކުޅެނީ ހިތްވަރާ ޖޯޝާއެކުގައެވެ. ބަލިވެ ދަނޑު މައްޗަށް ވެއްޓޭއިރު، ނަގައިދޭނެ ބަޔަކީ ދިވެހިންނެވެ. ފެއިލްވެ ދަނޑުން ފައިބާ އިރު، ހިތްވަރާއެކު ބަސް ބުނާނީވެސް ދިވެހިން ނޫންތޯއެވެ.

ހަމަ ޔަގީނުންވެސް ރާއްޖޭގެ ރައްޔިތުން އެންމެ އިހުތިރާމް ކުރި ކުޅުންތެރިއަކީ 17 އަހަރު ވަންދެން ގައުމީ ގޯލް ބެލެހެއްޓި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އެވެ. ގައުމީ ޓީމަށް ކުޅެ، ގައުމު ހެއްވާލުމުގެ އުފަލުގެ އިތުރުން ގައުމީ ޓީމަށް ކުޅެ، ރައްޔިތުންނަށް އެންމެ ބޭނުންވާ ނަތީޖާ ނުނެރެވި، ހިތްދަތިވުމުގެ ތަޖުރިބާވެސް ވަކި ބޮޑަށް ހުންނާނީ ކާކުގެ ތޯއެވެ. އިމްރާން އޭނާގެ ފޭސްބުކްގައި މިއަދު ކުރި ޕޯސްޓްގައި ބުނެފައި ވަނީ " ބަލިވާ ވަގުތު ޓީމަށް ހިތްވަރު ނުދެވޭނަމަ، މޮޅުވާ ވަގުތު ޓީީމަށް ސަޕޯޓު ކުރުމުގެ ބޭނުމެއް ނެތް" މިހެންނެވެ.

ގައުމީ ޓީމުން ކޮންމެ ދަތުރަކަށް ފުރިޔަސް، އިމްރާނަކީ ހިތްވަރު ދިނުމަށް ގޮސް އެންމެ ފުރަތަމަ ސަލާން ކުރާނެ ކުޅުންތެރިއެކެވެ. ބައްޔަކާ އެކު ގައުމަށް ދިޔަ ނަމަވެސް، ހިތްވަރު ދިނުމަށްޓަކައި، ޓީމު ބަލާވެސް ދާނެ ކުޅުންތެރިއެކެވެ. ގައުމީ ޓީމުން ރިޓަޔާ ކުރި ފަހުންވެސް އިމްރާން ޓީމަށް ދިން ލޯބި އޭނާގެ ފަރާތުން ބަރާބަރަށް ފެންނަމުން ދެއެވެ.

އެ ބަސްކޮޅުން ދެނީ ފުން މެސެޖެކެވެ. ހިޔާލާ ފިކުރުގެ ތަފާތުތައް އޮތް ނަމަވެސް، ގައުމީ ޓީމަށް ދޭންވާ ލޯބި ދޭން ޖެހޭނެ ކަމެވެ. ހުދު ރާއްޖޭގެ ކުރީގެ ކެޕްޓަން ދަގަނޑޭވެސް އެދެނީ ޓީމަށް ކާމިޔާބީއަށެވެ. މިއަދުގެ މެޗުގެ ކުރިން ދަގަނޑޭ ކުރި ޕޯސްޓުގައި އޭނާ އެދުނީ އިންޑިއާ ބަލިކޮށް، ސެމީއަށް ދިއުމަށެވެ. އޭނާގެ ދުއާއަކީވެސް އެއީއެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޣަނީގެ ހިތްވަރުވެސް އޮތީ ޓީމާއެކުގައެވެ.

" އެ ދުވަސް މިހާރު ފެނުނަސް ގައިން ހީބިހި ނަގާވަރުވޭ. އެންމެ ބޮޑު އެއް ކަމަކާ ރަތްޔިތުންގެ ފަރާތުން ލިބުނު ހެޔޮ ދުއާއާ ލޯބި. އެކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ. މެޗެއް ނިންމާފަ އަންނަ އިރު، ބަލިވި ނަމަވެސް ލިބުނު ސަޕޯޓް. އެއީ ކާމިޔާބާ ހަމައަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު. އެކަމަކު ޓީމަށްވެސް ކޮންފިޑެންސް އޮތް. އަޅުގަނޑުމެން ތިބި ހޮޓަލުން ނުނުކުންނަން ޔަގީންކަމާއި އުންމީދާ އެކުގައި ނޫނިއްޔާ. އެއީ ގަބޫލުކުރި ގަބޫލުކުރުމަކުން، މުޅި ޓީމުގެ ގުޅުން،" ދިވެހިން ހޯދި އެންމެ ބޮޑު ކާމިޔާބީގެ ސިއްރާ ގުޅޭ ގޮތުން އައްސަދު ވަގުތަށް ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.

ވަކި ކޯޗަކު ހުރެގެން، ވަކި މީހަކު ނެތިގެން، ގައުމީ ޓީމަށް ދޭންވާ ލޯބި ގެއްލުވާލައިގެން ނުވާނެއެވެ. މިއަދު ދަނޑު މައްޗަށް އަރާނީ ހަމަ މުޅި ގައުމުގެ ފެއްސާ ރަތާ ހުދު ރަމްޒުކޮށްދޭ "ހަތަރު ކަށިމަތި" ދިވެހި ދަރިންތަކެކެވެ. ބަލިވިޔަސް މޮޅުވިޔަސް، އެ ޓީމަށް ގަދަރު ކޮށް، ކުރިއަށް އޮތް ތަނަށް ހިތްވަރު ދޭން ތިބީ ދިވެހިންނެވެ. މިއަދު ދިވެހި ޓީމަށް ބޭނުން ވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ހެޔޮ ދުއާއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސައިނީ

    ނޯވިން ނޯސަޕޯޓް ކަޓްފަންޑިން ދުނޔޭގެ ކުރިހާ ގައުމެއްގައިވެސް އަމަލުކުރާ ގޮށް ރާއްޖޭގަ މިކަން ތަފާތަކީ ފޮޓްބޯލް ވެއްޖިއްޔާ މިލިއަނުން އަހެން ކުޅިވަރުތަކަށް ލައްކަ ތީކޮން އުސޫލެއް

  2. Anonymous

    ހޯހޯ މަށާ މަގޭ އާއިލާ ގައުމީ ޓީމާ ރޫޅި.ކޯޗާއި އެފް އޭ އެމް އިސްތިއުފާ

  3. މެސީ

    ގުޑް ލަކް

  4. ވަޅޯބެ

    ރަނގަޅު ވަރެއްގެ ނަތީޖާއަކުން ބަލިވާނެކަމަށް އުންމީދުކުރަނީ.

  5. ނައިކް މުހައްމަދު

    އެފް.އޭ.އެމް ރައީސް ގައުމީ ޓީމަށް ކާމިޔާބަށް އެދުނުނަމަ ދަގަނޑޭ ގެންދިޔައިސް .ދެން ތި ކިބުރުވެރި މަމޮޅު ވެގެން އުޅޭ ކޯޗް އަށް މުސާރަ ލިބޭނެ ކޮންމެ ގޮތެށްވިޔަސް..ރަނގަޅަށް ރާކަނިމަސް ކެވޭނެ މިފަހަރު....

  6. ީިުއިއްބެ

    ހަމަބަލިވާން ބޭނުން ވަނީ.

  7. ބޭބެ

    ފުޓްބޯޅަވެސް ސިޔާސީކޮށް ގަޑުބަޑުކުރީތީވެސް ހަމަބަލިވާންބޭނުމީ ....!

  8. ފްރީޑަމް މޫވްމެންޓް

    ދަނގަޑޭ އޭކިޔައިގެން ވަގުތު ނޫހުން އަދި ޗެނަލް 13 ވވާހަކަ ނުދައްކާ.. މާރީއްޗެއްނޫން.. ޔާމީން އަށް ދަގަނޑޭ ސަޕޯރޓް ނުކުރުމުން ގައުމީޓިމުން ބާކީކުރީ ސިޔާސީވެގެން. ދަގަނޑޭ އަކީ އަބދުވެސް ރައީސް މައުމޫން ގެ ސަޕޯރޓަރެއް އެހެން ވެގެން ހަޖަމްނުވީ

  9. ޑރ

    ދިވެހި ޓީމަށް ކުރިން މަރުދިނިން. މިހާރު އުފާވަނީ ބަލިވާތަން ފެނުނީމަ. ތިކޯޗުގެ ސަބަބުން ދިވެހި ފުޓްބޯޅަ މަތިން ފޫހިވެއްޖެ. މިކަހަލަ އެތަށް ދިވެހިންނެެއް މިގައުމުގަ އެބަ ތިބި. ގައުމީ ލޯބި ފޭރިގަތް ކޯޗް އިސްތިއުފާ. އިރާދަ ކުރެއްވިއްޔާ ދިވެހި ޓީމް މިއަދުވެސް ބޮޑުތަނުން ބަލިވާނެ.

  10. މާހިރު

    ގައުމީ ޓީމް މިއޮތީ ބޮޑުތަނުން ބަލިވެފަ އާޓީމެއް ެކުލަވާލުމުގެ މަސައްކަތް ބާރަށް ކުރިޔައް ކެޕްޓަނަކީ ސޯލިހު ވ.އ ކެޕްޓަން އަކަށް ފައިސަލް

  11. ވާނުވާ

    ތީދިވެހިންގެ ޤައުމީ ޓީމެއްނޫން
    ތީވަކިބައެއްގެ ޓީމެއް
    ދެން އާދޭ މެޅިގެން

  12. މުހައްމަދު

    ތީ ގައުމީ ޓީމެއް ނޫން....

    ތީ މާލޭ ޓީމް... ގައުމީ ޓީމް ނަގާނީ މުޅި ގައުމުން.. ހުރިހާ ދިމާލަކުން ކުޅުންތެރިން ނގައިގެން.

  13. ޢަލީ

    ވަރަށް ރަގަނޅު ވާހަކައެއް އިމްރާން