ކްލަބު އީގަލްސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑުއާޑޯ އަދި އޮސްޓްރޭލިއާގެ މިޑްފީލަޑަރު ޑެނިއަލް ޑިކްސަން ދޫކޮށްލައިފިއެވެ.

އެ ދެކުޅުންތެރިންވެސް ރޭ އީގަލްސްއިން ކުޅުނު މެޗުގައި ފެނިފައި ނުވާ އިރު، ކްލަބުން ރިލީސް ދީފައިވާ ކަމަށް އީގަލްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އީގަލްސްއިން ބުނެފައި ވަނީ ކްލަބުން އެ ދެކުޅުންތެރިންވެސް ފޮނުވާލަން ނިންމީ މިވަގުތު ކްލަބުގެ މާލީ ހާލަތު ހުރިގޮތުންކަމަށެވެ. އަދި މިއަހަރު ދިވެހި ޕްރިމިއާ ލީގުގައި ބާކީބައިގައި ކްލަބުން ކުރިއަށްދާނީ ބިދޭސީ ދެކުޅުންތެރިންނާ އެކުގައި ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ. އެއީ ޕްރިމިއާ ލީގަށް ގެނައި އުޒްބަކިސްތާނުގެ ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލްއާއި ކެޕްޓަން، ލަންކާ ގޯލްކީޕަރު ސުޖާން ޕެރޭރާއެވެ.

އީގަލްސްއިން ލުއިޒް އެޑުއާޑޯ ގެނެސްފައި ވަނީ ނިމިދިޔަ މާލޭ ލީގަށެވެ. އެޓީމަށް މިދިޔަ ސީޒަންގައި ދިމާވި ގޯލް ނުޖެހުމުގެ މައްސަލަ ހައްލުކުރުމަށް ގެނައި ފޯވަށް ލުއިޒް އެޑުއާޑޯ ވަނީ މާލޭ ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އީގަލްސްއިން މާލޭ ލީގު ދެވަނައިގައި ނިންމާލި އިރު، އޭނާ ވަނީ 18 ގޯލް ޖަހައިފައެވެ.

ޑެނިއަލް ޑިކްސަން އަކީ ޕްރިމިއާ ލީގަށް އީގަލްސްއިން ގެނައި މިޑްފީލްޑަރެކެވެ. އޮސްޓްރޭލިއާގެ ދެވަނަ ޑިވިޝަންގެ ކްލަބުތަކަށްވެސް ކުޅެފައިވާ ޑެނިއަލް ޑިކްސަން ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް އޭނާ ފާހަގަކުރެވެނީ މެދުތެރެއިން ރީތި ޕާސްތަކެއް ކޮށް، ގޯލްވެސް ޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ޑެނިއަލް ޑިކްސަން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކޮޅަށްވެސް މުހިއްމު ގޯލްތަކެއް ޖަހައިފައެވެ.

ދިވެހި ޕްރިމިއާ ލީގު ފެށިތާ މާ ގިނަދުވަހެއް ނުވެ، ސާފް ޗެމްޕިއަންޝިޕަށް ދެ މަހެއްހާ ދުވަހަށް ލީގު ވަނީ މެދު ކަނޑާލާފައެވެ. އޭގެފަހުން މިދިޔަ ހަފްތާގައި ލީގުގެ ކުޅުން އަލުން ފަށާފައިވާ އިރު، ގިނަ ކްލަބުތަކަކަށް އަންނަނީ މާލީ ނުތަވަސްކަން ކުރިމަތިވަމުންނެވެ.