ރާއްޖޭގައި އެތައް ސަތޭކަ ކުދިންތަކަކަށް ކުޅިވަރު ކުޅޭނެ މަގުތައް ފަހުކޮށްދީ، އެތައް ޒުވާނުންތަކެއް އެ ދާއިރާ އަަށް ނެރެެމުން އަންނަ ރައުހަތު ސްޕޯޓްސްގެ އަހަރީ އާންމު ޖަލްސާ ބާއްވައި، އެ އެކަޑަމީގެ އައު އެކްސްކޯ އިންތިހާބުކޮށްފި އެވެ.

ރޭ ގދ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ރައުހަތު ސްޕޯޓްސް އިން ބޭއްވި ޖަލްސާގައި ވަނީ ކުރިޔަށް އޮތް ހަތަރު އަހަރަށް ކްލަބުގެ އެކްސްކޯ އިންތިހާބު ކޮށްފައެވެ.

ރައުހަތު ސްޕޯޓްސްގެ އަހަރީ ޖަލްސާގެ ތެރެއިން / ފޮޓޯ - ގާފު

އެތްލެޓިކްސް އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވާފައިވާ އަހުމަދު ސަދޫގް ޝަރަފްވެރިކޮށްދިން މި ޖަލްސާގައި ރައުހަތު ސްޕޯޓްސްގެ އިންތިހާބުގެ އިތުރުން، މި އަހަރު އެ އެކަޑަމީ އިން ކުރާނެ މުހިއްމު ކަންކަންވެސް ވަނީ ނިންމާފައެވެ.

މިގޮތުން ގައުމީ ފެންވަރުގެ ބޮޑެތި މުބާރާތްތަކުގައި ރައުހަތު ސްޕޯޓްސް އިން ބައިވެރިވުމަށް ނިންމުމާއި، ކުޑަކުދިން މިހާރަށް ވުރެން ބޮޑަށް ކުޅިވަރުގެ ތެރެއަށް ވައްދައި، މުޖުތަމައު އަށް ފައިދާ ހުރި ބަޔަކު ކަމުގައި ހެދުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ރައުހަތު ސްޕޯޓްސްގެ އަހަރީ ޖަލްސާގެ ތެރެއިން / ފޮޓޯ - ގާފު

އިންތިހާބުގައި ކްލަބްގެ ރައީސް އަކަށް ކާމިޔާބު އެތުލެޓިކްސް ކޯޗު ހުސެއިން ރައުހަތު ގުދުރަތުالله ހޮވިފައިވާއިރު، ނައިބު ރައީސުންނަށް ހޮވިފައިވަނީ ކުރީގެ 2 ގައުމީ އެތުލީޓުން ކަމުގައިވާ އިނާޔާ ފާރޫޤް އާއި މަރިޔަމް ޝަރޫނާ އާދިލް އެވެ. މީގެ އިތުރުން ހަޒާންދާރަކަށް އިންތިހާބު ކޮށްފައިވަނީ އެތުލީޓް ހަސަން ފައިހަތު ގުދުރަތުالله އެވެ.

ރޭ ބޭއްވި ޖަލްސާގައި އާންމު މެމްބަރުންގެ ތެރެއިން އެކްސްކޯ އަށް 7 މެމްބަރަކު ވަނީ އިންތިހާބު ކޮށްފައެވެ. އެއީ އަލީ ވިފާގް ހަސަން، އިބްރާހިމް ފާރިޝް، އަހުމަަދު އަލީ، ޝައިސްތާ އަލީ، އަޒަހަމް ވަހީދު އަދި އަބްދުالله އަމީރުގެ އިތުރުން ރިފްއަތު ރަޝީދެވެ. މި އެކަޑަމީގައި ގިނަ އަންހެން ބޭފުޅުންތަކެއް ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރައުހަތު ސްޕޯޓްސް އިން މިހައިތަނަށް އެތައް ސަތޭކަ ކުދިންތަކެއް ތަމްރީނުވެ، އިންޓަނޭޝަނަލް މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށް މެޑަލްތައް ހޯދާފައިވާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ރައުހަތު ސްޕޯޓްސް އިން ކުދިން ތަމްރީނު ކުރުމަށް އެއްވެސް އަގެއް ނުނަގާކަމެވެ. ގދ. ތިނަދޫ އަށް ނިސްބަތްވާ މި އެކަޑަމީގެ ހަރަކާތްތައް މިހާރުވެސް ހުވަދު އަތޮޅުގެ އެކި ރަށްތަކުގައި ކުރިއަށް ގެންދަމުން އަންނައިރު އެހެން ރަށްތަކަށް އެ ކްލަބުގެ ހަރަކާތްތައް ފުޅާ ކުރަން ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ.