އޭއެފްސީ ކަޕަށް ކޮލިފައިވުމަށް ކުޅޭ ޕްރީލިމިނަރީ ދެވަނަ ބުރުގައި ބަންގާޅުގައި ކުޅެން ހަމަޖެހިފައިވާ ޑާކާ އަބަހާނީ އާއި ރާއްޖޭގެ ކުލަބް އީގަލްސް ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައި އޮތް ތާރީހަށް ކުޅުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފިއެވެ.

ބަންގާޅުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން އެ ގައުމުން ވަނީ މިމަހުގެ 11 އާއި ހަމައަށް ލޮކްޑައުން އިއުލާނުކޮށްފައެވެ. އެއާއި އެކު އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ މި މެޗު ކުޅެން ހަމަޖެހިފައިވާ ތާރީހަށް މެޗު ނުކުޅެވިދާނެ ކަމަށް ބުނެ އެ މެޗު ފަސްކޮށްދިނުމަށް އެދި އޭއެފްސީއަށް ސިޓީ ފޮނުވާފައެވެ.

ނަމަވެސް މި ސިޓީގެ ޖަވާބުގައި އޭއެފްސީން ވަނީ މި މެޗު ކުޅެން ހަމަޖެހިފައި އޮތް ތާރީހަށް ކުޅެންޖެހޭނެ ކަމަށާއި އެ ގައުމުގައި ނުކުޅެވޭނަމަ ނިއުޓްރަލް ދަނޑެއްގައި ނަމަވެސް މެޗު ކުޅެންޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނާއި އެ ގައުމުގެ އެކި އިދާރާތަކުގެ އެހީގައި މި މެޗު ކުޅުމުގެ ހާއްސަ ހުއްދައެއް އެ ގައުމުގެ ސަރުކާރުން ވަނީ ދީފައެވެ.

ޑާކާ އަބަހާނީ ޓީމު

އޭއެފްސީ ކަޕުގެ ޕްރީލިމިނަރީ ދެވަނަބުރަށް ރާއްޖޭގެ ކުލަބް އީގަލްސް ދަތުރުކޮށްފައިވަނީ ފުރަތަމަ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީއާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ. މި ބުރުގެ ދެވަނަ މެޗުގައި ދެން ބައްދަލުކލުރާނީ ބެންގަލޫރު ސިޓީ އެފްސީއާއި ނޭޕާލްގެ އާމީ ކުލަބެވެ. އަބަހާނީ އާއި އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް ބައްދަލުކުރާނީ އާމީ ކުލަބާއި ބެންގަލޫރު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ.

ރާއްޖޭގައި ކުޅެން ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި މިހާތަނަށް ހިމެނުނު ޓީމުތަކަކީ ރާއްޖޭގެ މާޒިޔާާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގާޅުގެ ބަޝުންދުރާ ކިންގްސް އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ތާވަލުކޮށްފަިވަނީ އަންނަ މަހުގެ 14 އިން 21 ގެ ނިޔަލަށެވެ.