ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބް އީގަލްސް ކޮޅަށް ޖެހި ހަތަރު ގޯލާއެކު މޮޅުވެ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބޮޑު ލީޑެއް ނަގައިފިއެވެ.

އީގަލްސް އަތުން 4-0 އިން މޮޅުވި މި މެޗާއެކު މާޒިޔާ ވަނީ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މި މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.

މި މެޗުގައި މާޒިޔާއިން ލީޑު ނަގާފައިވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ މި ލަނޑު ކާމިޔާބުކުރީ ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކުރި ފުރުސަތަކުންނެވެ. މާޒިޔާއިން ލީޑު ފުޅާކުރި ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

އީގަލްސް ކޮޅަށް ލަނޑު ޖެހުމަށްފަހު މާޒިޔާއިން އުފާފާޅުކުރަނީ-- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފުގައި މާޒިޔާ ފެނުނީ ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށެވެ. ގިނަ ފުރުސަތުތަކެއް މި ހާފުގައި ތަނަވަސްކުރި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކުރީ ކޮނޭލިއަސް ސްޓެވާޓް އެވެ. މިއީ އަހުމަދު ނޫމާން (ހެލްމެޓް) ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު ވަނީ އޭނާގެ ޓީމުގެ ކުޅުމަށް ތައުރީފުކޮޮށްފައެވެ. އަދި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށްވެސް ބުންޏެވެ. އީގަލްސްގެ ކޯޗު ވަނީ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފައެވެ.

މި މެޗަށްފަހު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ކުޅުން ވަނީ ނިމިފައެވެ. ނިމުނުއިރު އެއްވަނައިގައި 14 މެޗުން 34 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު ދެވަނައިގައި ވެލެންސިއާ އޮތީ 14 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ.