އިޓާލިއަން ލީގުގެ ފަހު މެޗުގައި ރޯމާ އަތުން ޗެމްޕިއަން ޔުވެންޓަސް ބަލިވެއްޖެއެވެ.

މި މެޗުން ޔުވެންޓަސް ބަލިވުމާއެކު ވެގެން ގޮސްފައި ވަނީ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ފާއިތުވި ދެއަހަރުގެ ތެރޭގައި ބަލިވި ފުރަތަމަ މެޗަށެވެ.

މީގެ ހަފްތާއެއް ކުރިން ޔުވެންޓަސް އިޓާލިއަން ލީގު ކާމިޔާބު ކުރިއަސް އޭގެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ވަނީ ބަލިވެފައެވެ.

ރޭ އަޓަލަންޓާ އަތުން އިންޓާ މިލާން މޮޅުވުމާއެކު އެޓީމު ވަނީ ޔުވެންޓަސްއާ އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށް ފައެވެ.

އަންނަ ހުކުރު ދުވަހު ޗެންޕިއަންސް ލީގު މެޗަށް ރެސްޓް ދިނުމަށް ރޮނާލްޑޯ ކުޅެން އަރުވާފައި ނުވާ މި މެޗު ރޯމާއިން ކާމިޔާބު ކުރީ 3-1 ގެ ނަތިޖާ އަކުންނެވެ. މެޗުގެ ފަސްވަނަ މިނެޓްގައި ޔުވެންޓަސްގެ ހިގުއެން ލަނޑެއް ކާމިޔާބުކޮށް ޔުވެންޓަސް އަށް ލީޑު ނަގާދިން ނަމަވެސް 23 ވަނަ މިނެޓް ގައި ރޯމާއިން ވަނީ އެއްވަރު ކޮށްފައެވެ. މި ލަނޑު ޕެރޮއްޓީގެ އެހީތެރި ކަމާއި އެކު ނިކޮލާ ކަލިންކް ކާމިޔާބު ކުރި އިރު ފުރަތަމަ ހާފް ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއެއް ގައި ޕެރޮއްޓީ ވަނީ ލަނޑެއް ކާމިޔާބުކޮށް ރޯމާއަށް ލީޑު ނަގާފައެވެ.

ފުރަތަމަ 2-1 ގެ ނަތީޖާއަކުން ނިމިގެން ދިޔަ އިރު މެޗުގެ 52 ވަނަ މިނެޓް ގައި ރޯމާއިން ވަނީ 3 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑަކީ ޒެނިއޮލޯގެ އެހީތެރި ކަމާއި އެކު ޕެރޮއްޓި ކާމިޔާބު ކުރި ލަނޑެކެވެ. މި މެޗުގައި ޔުވެންޓަސްގެ ތަރި ރޮނާލްޑޯ ކުޅެން ނޭރުމާއި އެކު އިމޮބިލޭ ވަނީ ސެރިއާ އޭގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށް ޔޫރަޕްގެ ރަން ބޫޓު ކަށަވަރު ކޮށްފައެވެ.

އިޓާލިއަން ލީގު ޔުވެންޓަސް ކާމިޔާބުކޮށްފައިވާ އިރު އެ ޓީމު މިހާރު ތާވަލްގެ އެއްވަނާގައި އޮތީ 83 ޕޮއިންޓާއި އެކު އިންޓަ އަށްވުރެން އެއް ޕޮއިންޓު ކުރީގައެވެ.