ޔޫރަޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ޔުނައިޓަޑާއި އެފްސީ ކޮއެބެންހާން ބައްދަލު ކުރި މެޗު ޔުނައިޓަޑް ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ކޮވިޑް-19 ގެ މެދުކެޑުމަށް ފަހު މިއަހަރުގެ ޔޫރަޕާ ލީގުގެ ބާކީ ހުރި މެޗުތަށް ނޮކްއައުޓް އުސޫލުން ކުޅޭއިރު ރޭ ޔުނައުޓަޑް މޮޅުވުމާއެކު އެ ޓީމު ވަނީ ސެމީ ފައިނަލް އިން ޖާގަ ހޯދައިފައެވެ.

މި މެޗު ޔުނައިޓަޑް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓަޑް އަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު އެ ޓީމުގެ މޭސަން ގްރީންވޫޑް ކާމިޔާބު ކުރި ލަނޑެއް ވަނީ ވީއޭއާރު އިން ބަލައި ބާތިލް ކޮށްފައެވެ.

ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން ނިމިގެން ދިޔައިރު ދެވަނަ ހާފްގައި ޔުނައިޓަޑް އިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ދެވަނަ ހާފްގައި ޔުނައިޓަޑް އިން ވަނީ ކޮއެބެންހާންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައި ދެ ފަހަރު ގޯލުގެ ދަނޑީގަވެސް ޖަހައިފައެވެ.

ދެވަނަ ހާފްގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން ވަނީ އިތުރު ވަގުތު ކުޅެފައެވެ. އިތުރު ވަގުތު ޔުނައިޓަޑް އަށް ޕެނަލްޓީއެއް ލިބުނު އިރު މި ލިބުނު ޕެނަލްޓީގައި ބުރްނޯ ފެނާންޑޭސް ވަނީ ކާމިޔާބުކޮށްފައެވެ.

މި މެޗުން ޔުނައިޓަޑް މޮޅުވެ ސެމީއަށް ދަތުރު ކުރުމާއި އެކު ސެމީގައި އެ ޓީމު ނިކުންނަން ޖެހޭނީ މިރޭ ވޮލްވްސް އާއި ސެވިއްޔާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މީގެ ހަތަރު އަހަރު ކުރިން ޔުނައިޓަޑް ޔޫރަޕާ ލީގު ކާމިޔާބު ކޮށްފައިވާއިރު ރޭ އިންޓާ ވެސް ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ.