އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަ ސިޓީން އާސެނަލް އަތުން ހަނި ތަފާތަކުން މޮޅުވިއިރު، މެންޗެސްޓަ ޔުނައިޓެޑުން ނިއުކާސަލް ބަލިކޮށް ދެވަނަ މަގާމަށް އަނެއްކާވެސް ޖެހިލައިފިއެވެ.

އާސެނަލުގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާޢެކު ސިޓީ ވަނީ ތާވަލުގެ އެއްވަނައިގައި 10 ޕޮއިންްޓަށް ލީޑު ފުޅާކޮށްފައެވެ. އަދި އެންމެ ފަހުން ސިޓީ ކުޅުނު 18 މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. މީގެތެރޭގައި ޕްރިމިއަ ލީގުގައި އެ ޓީމު ކުޅުނު 13 މެޗު ހިމެނެއެވެ.

މި މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީހެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ރަހީމް ސްޓާލިން މި ލަނޑު ކާމިިޔާބުކުރީ ރިޔާދު މާރޭޒް ހުރަސްކޮށްދިން ބޯޅައަކުންނެވެ. މި ލަނޑަށްފަހު އާސެނަލް ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެންދިޔަ އެވެ. ނަމަވެސް ރަނގަޅު ހަމަލާތަކެއް އެ ޓީމުން މި މެޗުގައި އުފެއްދިއެވެ.

ސިޓީއަށް މި މެޗުގައި އެންމެ ރަނގަޅު ފުރުސަތުތައް އުފެއްދި ކުޅުންތެރިންގެ ތެރޭގައި ރިޔާޒް މަހްރޭޒް އާއި ސްޓާލިން ހިމެނެއެވެ. ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔައެވެ.

ތާވަލުގެ ދެ ވަނައަށް މެންޗެސްޓަ ޔުނައިޓެޑް އަނެއްކާވެސް ޖެހިލީ ތާވަލުގެ 17 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް ފަސޭހަކަމާއެކު 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މޮޅާއެކު ޔުނައިޓެޑް ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 49 ޕޮއިންޓާއެކު އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ލެސްޓާ ސިޓީއެވެ.

ޔުނައިޓެޑާއި ނިއުކާސަލް ކުޅުނު މެޗުގެ ތެރެއިން

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ސެއިން މެކްސިމިން ވަނީ ނިއުކާސަލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މެޗުގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއެލް ޖޭމްސްއެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 59 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ދިހަ ޕޮއިންޓުގެ ތަފާތަކާއެކު އޮތީ ޔުނައިޓެޑެވެ.