ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާއި ވާދަކޮށް 1-1 އިން އެއްވަރުވި ނަމަވެސް އެތްލެޓިކޯ މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުން އެތްލެޓިކޯ މޮޅުނުވެ ހިފެހެއްޓިއިރު، ބެޓިސް ވަނީ ފަހުކޮޅު މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި އެތްލެޓިކޯ އިން ލަނޑު ޖެހީ މެޗުގެ ވަރަށް ކުރީކޮޅު އެވެ. އެންޖެލް ކޮރެއާ ތަނަވަސްކުރި ބޯޅައަކުން މެޗުގެ 8 ވަނަ މިނެޓުގައި ޔަނިޗް ކަރަސްކޯ ވަނީ އެތްލެޓިކޯއަށް ލީޑު ނަގައިދީފައެވެ.

މި ލަނޑަށްފަހު ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔަ އެވެ. ނަމަވެސް މި ލީޑުގައި އެތްލެޓިކޯއަށް މާ ގިނައިރަކު ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ރެއާލް ބެޓިސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޓެލޯ އެވެ.

މި ނަތީޖާއާއެކު އެތްލެޓިކޯ މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލީ އެ ޓީމު މިހާތަނަށް ކުޅުނު 30 މެޗުން ލިބުނު 67 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 30 މެޗުން 66 ޕޮއިންޓް ލިބިފައިވެއެވެ. ތިންވަނައިގައި އޮތީ ބާސެލޯނާ އެވެ. އެއީ ކުޅުނު 30 މެޗުން ލިބުނު 65 ޕޮއިންޓާއެކު އެވެ. ބެޓިސް އޮތީ ތާވަލުގެ ހަވަނައިގައި 30 މެޗުން 47 ޕޮއިންޓާއެކުއެވެ.