އިނގިރޭސި އެފްއޭ ކަޕުގެ ސެމީފައިނަލުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފައިވަނީ މުބާރާތުގެ ސެމީފައިނަލުގައި މެންޗެސްޓަރ ސިޓީ 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗާއި ކުރިމަތިލިއިރު މި ދެ ޓީމު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިފައެވެ. މި ބައްޔާއެކު މި ސީޒަނުގައި ހަތަރު ތަށި ހޯދުމަށް ސިޓީ ކުރަމުންދިޔަ އުއްމީދަށް ވަނީ ނިމުން އައިސްފައެވެ. މި ސީޒަނުގައި ތިން ތަށި ހޯދުމުގެ ފުރުސަތު ސިޓީއަށް އަދިވެސް އެބައޮތެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. މި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮރޮކޯގެ ތަރި ހަކީމް ޒިޔެޗް އެވެ. މީގެއިތުރުން ވެސް ޗެލްސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ލިބިގެންދިޔަ އެވެ.

މިއީ ޗެލްސީގެ ކޯޗުކަމާއި ޓުޗެލް ހަވާލުވިފަހުން ސިޓީ އަތުން ހޯދުނު ފުރަތަމަ މޮޅެވެ. މެޗަށްފަހު ޓުޗެލް ވަނީ ޗެލްސީގެ ކުޅުންތެރިންގެ މަސައްކަތަށް ތައުރީފުކޮށްފައެވެ.

މި ބައްޔާއެކު މިއީ އެފްއޭ ކަޕްގެ ސެމީފައިނަލުގައި ސިޓީ ޖެހިޖެހިގެން ކެޓި ދެ ވަނަ ފަހަރެވެ. އެންމެފަހުން ކުޅުނު ސެމީގައި ސިޓީ ބަލިވީ އާސެނަލް އަތުންނެވެ.

މުބާރާތުގެ ފައިނަލުގައި ޗެލްސީއާއި ވާދަކުރާ ޓީމެއް އެނގޭނީ މާދަމާ ރޭ ކުޅޭ ސެމީފައިނަލުގެ ދެވަނަ މެޗަށްފަހު އެވެ. މި މެޗުގައި ބައްދަލުކުރާނީ ސައުތެމްޓަން އާއި ލެސްޓާ ސިޓީ އެވެ.