ސުޕަ ލީގެއް އުފައްދަން އުޅޭކަމުގެ އަޑުތަކެއް ފެތުރުމާއި ގުޅިގެން 2019 ވަނަ އަހަރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ދެއްކި ވާހަކަ އަދިވެސް ތަކުރާރުކުރާ ކަމަށާއި ސުޕަ ލީގުގައި ލިވަޕޫލުން ބައިވެރިވީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ނޭނގި ކަމަށް އެ ކުލަބުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި ނުފޫޒުގަދަ ބޮޑެތި މަހުޖަނުންތަކަކާއި ބޮޑެތި ކުލަބުތަކުގެ އިސްވެރިން ގުޅިގެން މި މުބާރާތް ބާއްވާނެކަން އިއުލާނުކޮށްފައިވަނީ 12 ކުލަބަކާއެކު އެވެ.

މި ކުލަބުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި އެއް ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއަރ ލީގުގެ ހަ ކުލަބެއް ހިމެނެއެވެ. މި ހަ ކުލަބުގެ ތެރޭގައި ލިވަޕޫލްވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން ކްލޮޕް ބުނީ ލިވަޕޫލުން އެވަރުގެ ބޮޑު ނިންމުމެއް ނިންމީ އެއްވެސް ކުޅުންތެރިއަކާއި ނުވަތަ އޭނައާއި އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށާއި މި ލީގުގެ ވާހަކަތައް ފެނުނީ ނޫސްތަކުން ކަމަށެވެ.

"އަހަރެން މި ތައްޔާރުވަނީ އަންނަ ހޯމަދުވަހު ލީޑްސް އާއި ދެކޮޅަށް އުނދަގޫ މެޗަކަށް، އެނގޭ މިއީ ސަޕޯޓަރުން އުފާވާނެ ކަމެއް ނޫންކަން މިވަރުގެ ނިންމުމެއް ނިންމީމަ، އެކަމަކު އެބަޖެހޭ ކޮންމެފަދަ ހާލަތެއްގައި ކުލަބް އޮތްނަމަވެސް ޓީމާއެކު ތިބެން، މިއީ އުނދަގޫ މަރުހަލާއެއްކަން އިނގޭ" އުމުރުން 53 އަހަރުގެ ކޯޗު ބުންޏެވެ.

ކްލޮޕް ބުނީ މި ނިންމުމުގައި ކުލަބުގެ އެއްވެސް ކުޅުންތެރިއެއްގެ ބައިވެރިވުމެއް ނެތް ކަމަށާއި އެ ކުޅުންތެރިންނަށް އެއްވެސް ބަދުބަހެއް ނުބުނުމަށް އެދޭކަމަށެވެ. އަދި މިއީ ހުރިހާ ސަޕޯޓަރުން އެކަތިގަނޑަކަށް ވާންޖެހޭ ދަނޑިވަޅު ކަމަށްވެސް ކްލޮޕް ބުންޏެވެ.

"އަހަންނަށް ޗެމްޕިއަންސް ލީގަކީ ސުޕަ ލީގު، އެ މުބާރާތް ބާއްވައިގެން މާލީ މަންފާތަކެއް ލިބިދާނެ، އެކަމަކު ކާކު ބަލަން ބޭނުންވާނީ މިސާލަކަށް ލިވަޕޫލާއި ރެއާލް ޖެހިޖެހިގެން 10 އަހަރު ކޮންމެ އަހަރަކު ކުޅޭތަން؟ ކޮބާ ބޭނުމަކީ؟" ކްލޮޕް ބުންޏެވެ.

ސުޕަ ލީގުގައި ބައިވެރިވާނެ ކަން އިއުލާނުކޮށްފައިވާ 12 ކުލަބުގެ ތެރޭގައި އިނގިރޭސި ހަ ކުލަބެއް ހިމެނެއެވެ. އެއީ މެންޗެސްޓަރ ސިޓީއާއި މެންޗެސްޓަރ ޔުނައިޓެޑުގެ އިތުރުން ޗެލްސީއާއި އާސެނަލް އާއި ލިވަޕޫލް އަދި ޓޮޓެންހަމް އެވެ.