ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ އުއްމީދީ ކުޅުންތެރިޔާ އުމުރުން 21 އަހަރުގެ ޖޭޑަން ސާންޗޯ އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމުގެ ހުރިހާ މަރުހަލާއެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުނައިޓެޑުން ސާންޗޯގެ ސޮއި ހޯދުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރު ޔުނައިޓެޑުން އޭނާ ގަތުމަށް ބޮޑު އަގެއް ހުށައެޅި ނަމަވެސް އެތައް ފަަހަރެއްގެ މަތިން ޑޯޓްމަންޑް ވަނީ އެ ހުށައެޅުންތައް ބޭރުކޮށްލައިފައެވެ.

ޔުނައިޓެޑަށް ބަދަލުވާން މިހާރު ކުރިޔަށްދަނީ އެ އެއްބަސްވުމުގެ ކުދިކުދި މާއްދާތަކާއި ގުޅޭ މަޝްވަރާތައް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ހުރިހާ ކަމެއް ނިމުމުން ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑޯޓްމަންޑުން ސަންޗޯ ވިއްކާލަން އެއްބަސްވި އަގަކީ 73 މިލިއަން ޕައުންޑް (101 މިލިއަން ޑޮލަރު) އެވެ. ދެން ކުރިޔަށް އޮތީ ސާންޗޯގެ އެއްބަސްވުމުގެ ބައެއް ކުދި މާއްދާތަކަށް އެއްބަސްވުމަށް ފަހު އޭނާގެ މެޑިކަލް ފުރިހަމަކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ސާންޗޯ އާއެކު ޔުނައިޓެޑުން އެއްބަސްވީ ފަސް އަހަރުދުވަހުގެ އެއްބަސްވުމެކެވެ. އެއާއެކު އޭނާގެ އެއްބަސްވުން ހަމަވާނީ 2026 ގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުގައި ދައްކާ ކުޅުމަށް ބެލުމަށްފަހު ސާންޗޯއަށް އިތުރު 25 މިލިއަން ޑޮލަރުދޭން އެ ކުލަބުން ނިންމާ އެއްބަސްވުމުގައި ހިމަނާނެއެވެ.

މިވަގުތު ޔޫރޯގައި އިނގިރޭސި ގައުމީ ޓީމުގައި ހަރަކާތްތެރިވާ ސާންޗޯގެ މެޑިކަލް ކަންކަން ނިމުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގަައި ދައްކާލާނެއެވެ.

މެންޗެސްޓަރ ސިޓީން 2017 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވި ސާންޗޯ ވަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 137 މެޗުގައި 50 ލަނޑު ޖަހައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖެރާޑް

    ސަންޗޯގެ ދުވަސް ތިދިޔައީ.. ކުރިން އޮވެން ހާގްރީވްސް ވެސް ބަޔާން މިއުނިކްގައި ވަރަށް ރަގަޅަށް ކުޅެމުން ދަނިކޮށް މެންޔޫއަށް ގެނެސް ކެރިއަރު ދުއްވާލީ..ބޭރުޤައު މްތަކުގެ ލީގުގައި ކުޅެންލިބޭ މަދު އިނގިރޭސި ކުޅުންތެރިންވެސް ގެނެވޭތޯ އެބަލަނީ އަނބުރާޤައުމަށް.. އެހެންވެ ޤައުމީޓީމް ބަލިވަނީ..